Tuesday, November 4, 2008

ރިޔާސީ އިންތިޚާބަށްފަހު،

މިއީ އެއްބައި ވުމުގެ ވަގުތެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ އިލެކްޝަން މިވަނީ ނިމިފައެވެ. އެމީހަކު ބޭނުންވި ގޮތަކަށް، ބޭނުންވި ފިކުރަކަށް ވޯޓްދީ ޙައްޤު މިވަނީ އެންމެ ޒިމާދާރު ގޮތުގައި އަދާކޮށްފައެވެ. ވޯޓް މެދުވެރިކޮށް މުޙައްމަދު ނަޝީދު (އަންނި) އާއި މިޤައުމުގެ ވެރިކަން ހަވާލުކޮށްފައެވެ. މިތާރީޚީ ބަދަލަކީ ރަނގަޅު ބަދަލެއްކަން ނުވަތަ ނޫންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް (މުންތަޚަބު) މުޙައްމަދު ނަޝީދު (އަންނި) ގެ މައްޗަށް އޮތް ކަމެކެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހިނގާފައިވަނީ އެންމެ ރަނގަޅަށް ނޫންކަން އެންމެރައްޔިތުންނަށް އެނގެއެވެ. ޤައުމުގެ ރައީސްކަމާއި މަތިވެދާނެ ބައެއްފަރާތްތަކުގެ އަގު ވައްޓާލައި ދިވެހީންގެ ޢަޤީދާއަށް ފާޅުގައި ބަޔަކުވަނީ އަރައިގެންފައެވެ. ދިވެހީންގެ ދީނީ ވަޙުދަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ބަޔަކުވަނީ ނުރަނގަޅު ގޮތުގައި މަސައްކަތްކޮށްފައެވެ. މިއީ ކަންހިނގައިދިޔަގޮތެވެ. އެއީ އިންތިޚާބީ ފޯރިއެވެ. ކެނޑީޑޭޓުންނާމެދު ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވެނު އިންތިޚާބީ މަސައްކަތެވެ. އެއީ މާޟީ އެވެ.

އިންތިޚާބުތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކީ އެއްގޮތަކަށްވެސް ޒާތީ ކަމެއްނޫނެވެ. އެއީ ސިޔާސީ ވިސްނުމާއި ޤަބޫލުކުރާ ހަމަތަކާއި އުއްމީދުތަކެވެ. އިންތިޚާބުގައި ދެވޭ ވޯޓަކީ މިދެންނެވި އަސާސްތަކުގެ މައްޗަށް ރައްޔިތުން އާބަސްބުނެވެ. ވުމާއެކު މިއަދު އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހަކުވެސް ހިތްތިރިކޮށް މަޑުމައިތިރިކަމާއެކު ތިމާއާގެ އަޚާއާއި ކުރިމަތި ލާންޖެހޭނެއެވެ. ގޮތްދޫނުކުރުމާއި މަލާމާތް ރައްދުކުރުމާއި ބަދުބަސް ބުނުމަކީ ހަމައެކަކުވެސް ގޮތްކޮންވާނޭ ކަމެއްނޫނެވެ.

ޤައުމާމެދު ވިސްނުމަކީ ކޮންމެ މަރުޙަލާއެއްގައިވެސް އަޅުގަނޑުމެންގެ ވިސްނުން ކަމަށް ހެދުމަކީ އެންމެބުއްދިވެރި ގޮތެވެ. ޤައުމަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެކަމާއި ޤައުމަށްވުރެ އުހަށްދެވޭނެ އެއްވެސް ފިކުރެއްނޯންނާނެކަން ޤަބޫލުކުރުމަކީ އެންމެ ރަނގަޅު ހަމައެވެ. އަޅުގަނޑުމެން މިޤައުމުގައި ދިރިއުޅޭހާ ދުވަހަކު ޤައުމު ބިނާކުރުމާއި އާރާސްތުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ. ސަރުކާރެއް އުފައްދަނީ މިދެންނެވި މަސައްކަތްތައް ކުރުމަށްތަކައެވެ. އެކަން ބަޔަކާ ހަވާލުކޮށް، އެމީހުން ޖަވާބުދާރީ ކުރުމަށްޓަކައެވެ. އެމީހުންނަށް ރައްޔިތުންގެ އުއްމީދުތައް ހާޞިލުނުކޮށްދެވޭ ދުވަހަކީ ވެރިކަން ބަދަލުކުރާންޖެހޭ ދުވަހެވެ.

ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކީ ބައެއްމީހުންނަށް ހަޖަމުކޮށްލަން އެހާފަސޭހަކަމަކަށް ނުވެދާނެއެވެ. ޚުދުއެމަނިކުފާނަށްވެސް އެކަން ހަޖަމް ކުރެއްވުމަކީ ދަތިކަމަކަށް ވާނެއެވެ. އަދި ވަކީން އެމަނިކުފާނުގެ އިންތިޚާބީ ކެމްޕެއިން ފާލުން ނައްޓުވާލައި، އިދކޮޅު ކެނޑިޑޭޓުންނަށް ޒާތީ ތީރުތައް އުއްކެވި އަލީ ވަޙީދުމެންފަދަ ބޭބޭފުޅުންނަށް މިނަތީޖާ ހަޖަމްކޮށްލައިގެން ތިއްބެވުމަކީ މިވަގުތައް އެހާފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ޤަބޫލުކުރަންވީ އަޚްލާޤީ ރީތި ސިފައަކީ ނާކާމިޔާބަކީވެސް ކުރިމަތިވާނެކަމެއްކަމާއި މިފަދަ ވަގުތުތަކުގައި ކެތްތެރިވާންޖެހޭނެކަމެވެ. އަދި 2008 އޮކްޓޯބަރު 28 ވަނަ ނިކުތް ނަތީޖާއަކީ ރައްޔިތުން ސީދާ ރައްޔިތުންގެ ބަސްކަމާއި، ރައްޔިތުންގެ މިނިންމުމުގެ ސަބަބުން މިސްތަކުގެ ބަންގީގެ އަޑަށް އެއްވެސް ބަދަލެއް ނާންނަކަމެވެ.

ސިޔާސީ ފިކުރާއި ވިސްނުމަކީ ޤައުމު ބައިބައިވުމަށް ހުޅެވޭ ދޮރެއްނޫނެވެ. އަދި ކިއެއްތަ އެއީ ޤައުމުގެ ކަންކަމާމެދު ހުރިހާ ފިކުރެއްގެ މީހުން ސައްލާކޮށް މަޝްވަރާކުރުމަށްޓަކައި އޮންނަ ހަމައެކެވެ. ވުމާއެކު އިންތިޚާބުގެ ފަހުގައިވެސް އަޅުގަނޑުމެންގެ އަމިއްލަ ސަޚްޝީ އަދި ޤައުމީ ދިރިއުޅުމަށް ރުޖޫޢަވެ، އިޖްތިމާޢީ މަސްލަހަތު ކުރިއަށް ނެރުމަކީ އަޅުގނަޑުމެންގެ މަސްއޫލިއްޔަތުކަމުގައި ހަދަމާތޯއެވެ. އަޅުގަނޑުމެންނަކީ ބައިބައިވުމަށް ހިތްވަރުދޭ ބަޔަކަށް ނުވަމާތޯއެވެ. އެކުވެރިކަމާ، ހިނތުންވުމާ، ކެތްތެރިކަމާއެކު އެކަކު އަނެކަކާ ބައްދަލުކުރަމާތޯއެވެ.

ާ

މަރުޙަބާ އަންނި

ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ދިވެހިރައްޔިތުންގެ ޑިމޮކުރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިއްތިޙާދުގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ހޯއްދެވި މަތިވެރި ކާމިޔާބީއަށްޓަކައި ހިތުގެ އިޚްލާޞްތެރި މަރުޙަބާ ދަންނަވަމެވެ. އަދި ހަމަމިމޭރުމުން އަންނިގެ ރަނިންމޭޓް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު (ޑރ. ވަޙީދު) އަށްވެސް މަރުޙަބާ ދަންނަވަމެވެ.

ރިޔާސީ އިންތިޚާބަށްފަހުގައި ރައީސް މައުމޫނު ދައްކަވަމުން ގެންދަވާ ޑިމޮކްރަސީގެ ރިވެތި ހަމަތަކަށް އެމަނިކުފާނަށްވެސް ޝުކުރު ދެންނެވުމަކީ އޮތްކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ އަންނިގެ ރަސްމީ މަސައްކަތްޕުޅުގެ ފެށުމެވެ. އެހެންކަމުން ރައްޔިތުންގެ ކުރިމައްޗަށް އަންނި ނެރުއްވި ވަޢުދުތަކާއި ސިޔާސަތުތައް ވީހާވެސް އަވަހަކަށް ތަންފީޛު ކުރެއްވުމަކީ އަންނި ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމެކެވެ. މިއަދު އެއްވެސް ދިވެއްސަކު ބަހަނާ ދައްކާ ކަންނުކުރާ ސަޤާފަތެއް އަލުން ތަކުރާރުވާކަށް ބޭނުމެއް ނޫނެވެ. ވަޞީލަތާއި މިންވަރުފުޅާ އަޅުވައި ދިވެހީންގެ ކަންކަން ނުވުމަކަށް ދިވެހީން ދެނެއް އެއްވެސް ބޭފުޅަކަށް ފުރުޞަތެއް ނުދޭނެއެވެ. ވަޢުދު އުވާލާ އެހެން ރާގަކަށް ވާހަކަ ބަދަލުވުމަކީ ދިވެހީ އެއްގޮތަކަށްވެސް އެދޭކަމެއްނޫނެވެ. އެހެންކަމުން އަންނިއަކީ ރައްޔިތުންނަށް އިޚްލާޞްތެރި، ޤައުމަށް ތެދުވެރި ބޭފުޅެއްކަން ހާމަކޮށްދެއްވުމަކީ އަންނިއަށް ލިބިވަޑައިގެންފައިވާ ރަނުގެ ފުރުޞަތެކެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ތަނަވަސްކަމަކީ ބަކިބައެއްގެ އަމިއްލަ މަޞްލަޙަތައް ވެފައި އޮތް ޒަމާން ދިވެހީން އަލުން ދެކޭކަށް ބޭނުމެއް ނޫނެވެ. މާޒީ އަކީ ޢިބްރަތްކަމުގައި ހެއްދެވުމަކީ އަންނި ކުރައްވަންޖެހިވަޑައިގަންނަވާނޭ ކަމެކެވެ. ރަށުބަން ފިލައި، އަތްފޯރާއަގުގައި ބޯހިޔާވަހިކަން ލިބި، މަސްތުވާތަކެއް ހުޅުވި ދޮރުތަކުގައި ތަޅުއެޅުވި، ބޭސްފަރުވާ ހިލޭކުރެވޭނެ ނިޒާމު ޤާއިމުކުރެވި، ޚިދުމަތާއި ތަކެތީގެ އަގުތައް ތިރކުރެވިފައިވާ އަނެއް ދިވެހިރާއްޖެ ދެކެން ބޭނުންނުވާ ހަމައެއްވެސް ދިވެއްސަކު މިއަދު ނެތެވެ. ވުމާއެކު އަންނިގެ ވަޢުދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވުމަކީ ދިވެހީން ޑިމޮކްރަސީއަށް ކުރަމުންމިދާ އުއްމީދުތައް ފުރިހަމަވުމަށް ލިބޭ ބާރަކަށް ވެގެންދާނެއެވެ. އަދި ކޮންމެ މީހަކު ހުއްޓަސް ވާނީ ވާވަރޭ، ބުނާ މޮޔަވިސްނުމުގެ މީހުން ހަމަމަގަށް އެޅުވުމަށް ލިބޭ ބާރަކަށް ވާނެކަމެއްވެސް މެއެވެ. ވުމާއެކު ދިވެހި ރައްޔިތުން މިތިބީ އަންނިގެ ވެރިކަމުގެ ފޮނިމީރުކަން ބަލައިގަތުމަށް ކެތްމަދުވެފައެވެ. އަންނިއަށް އޮތީ މިއުއްމީދުތައް ފުރިހަމަކޮށްދެވުމެވެ.

Wednesday, October 22, 2008

ޤައުމަށްޓަކައި ޤުރުބާންވުން – ވަޠަނަށްޓަކައި ޝަހީދުވުން
 
ޤައުމާއި ވަޠަނުގެ ޙައްޤަކީ، އެޤައުމެއްގެ އެވަޠަނެއް ކޮންމެ ދަރިޔަކު އަދާކުރަންޖެހޭ ވަރަށްބޮޑު ޙައްޤެކެވެ. ޤައުމެއް ޤައުމަކަށްވަނީ އަދި ވަޠަނެއް ވަޠަނަކަށް އެފަސްގަޑެއްގައި ޤައުމާއި ވަޠަންދެކެ ލޯބިވާ މުވާޠިނުންތަކެއް ތިބެގެންނެވެ.
ޤައުމުގެ ޙާލަތާއި ވަޠަނުގެ ކަރާމަތާއި ދަރީންގެ ޝަރަފަށްޓަކައި ޖިހާދުކުރުމާއި ކުރުމާއި މަރުދިނުމަކީ އެޤައުމެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒުމުވެގެންވާ ކަމެކެވެ. ޤައުމުގެ ކަމަކަށް ގޮވާލީމާ ފަސްނުޖެހި ކުރިމަތިލުމަކީ ކޮންމެ ފަރަދަކު އަދާކުރަންޖެހޭ މުޤައްދަސް ވާޖިބެކެވެ.
ޤައުމެއް ކުރިއަރާ ދަނީ އެޤައުމަކަށްޓަކައި ސާބިތުކަމާއެކު ޤުރުބާންވާނެ ދަރީން އުފެދިގެންނެވެ. ވަޠަނެއްގެ އުއްމީދުތައް ފުރހިމަވަނީ އެވަޠަނަށްޓަކައި ޝަހީދުވާނޭ ދަރީން ތިބެގެންނެވެ.
އަޅުގަނޑުމެންގެ ޤައުމާއި ވަޠަން މިވަނީ ބަދަލުގެ ތެރޭގައި ސެއްލިމެއްލި ވެގެންނެވެ. އިޞްލާޙުތަކާއި ބަދަލުތަކުގެ އޮއިވަރުގެ ތެރޭގައި ފުރޮޅެމުންނެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމު އެދޭ ގޮތަށް، ވަޠަން އެދޭ ގޮތަށް ޤައުމާއި ވަޠަންގެ ދަރީންގެ ވިސްނުން ބައްޓަން ކުރަންޖެހެއެވެ.
ކުރިމަތިވަމުން އަންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކީ ދިވެހިޤައުމާއި ވަޠަންގެ ޙައްޤުގައި ކޮންމެ ދަރިއަކުމެ ގޮތްތަކެއް ކަނޑައަޅަންޖެހޭ ދުވަހެކެވެ. ޤައުމާއި ވަޠަން ތިމާއަށް ކަމެއް ކޮށްދީފައި ނެތްނަމަވެސް ވަޠަނަށްޓަކައި ޤައުމަށްޓަކައި ޤައުމުގެ ދަރީންނަށް ކަމެއްކޮށްދޭން ލިބޭ ވަރަށް އަގުހުރި އެހާމެ އަގުބޮޑު ފުރުޞަތެކެވެ.
ޤައުމު އެދޭ ގޮތާއި ވަޠަން އެދޭ ގޮތް ނުބަލައި ޖީބަށް ބުރަދަން ހިފޭ ގޮތަށް ނުވަތަ ޤައުމާއި ވަޠަނުގެ ކުރިއަށް އަމިއްލަ މަސްލަޙަތު ނެރެވޭ ގޮތަށް މިފުރުޞަތުގެ ބޭނުން ހިފުމަކީ ޤައުމާއި ވަޠަން އެކަމަށްޓަކައި ރޮއި ހިތާމަކުރާނެ ކަމެކެވެ. އަންނަށް އޮތް ޖީލުތަކުގެ ދަރީން ނަށް ޝަކުވާ އުފުލާނެ ކަމެކެވެ.
ޤައުމަށްޓަކައި ޤުރުބާން ވުމަކީ ވަޠަނަށްޓަކައި ޚިދުމަތްކުރުމަކީ ހަމައެކަނި ބޭރުގެ ޢަދުއްވުންނާއި ހަނގުރާމަކުރުމެއްނޫނެވެ. އަޅުގަނޑުމެންގެ ޤައުމާއި ވަޠަނުގައި އަށަގެންފައިވާ ވިހަގަދަ ވަކިތަކުން ސަލާމަތްކޮށް، އާންމުވަމުންދާ ފާހިޝް ޢަމަލުތަކުން ޤައުމު ޙިމާޔަތްކޮށް، ދީނުގެ މަގަށް މީސްތަކުން ރުއްސައި، މަކަރާއި ޚިޔާނާތާއި ފަސާދައިން ޤައުމު ރައްކާތެރިކުރުމަށްތަކައި ތިމާއަށް ކެރިކުޅަދާން މިންވަރަކަށް މަސައްކަތް ކުރުމަކީ ޤައުމަށްޓަކައި ވެވޭ ޤުރުބާނީ އެކެވެ. ވަޠަނަށްޓަކައި ތެދުވެވޭ ތެދުވުމެކެވެ. އަދި އެހެންމެ ޤައުމާއި ވަޠަން އިޞްލާޙުގެ މަގަށް އަޅުވައި އިޖްތިމާޢީ ޢަދާލަތުގާއިމުކޮށް، އިލްމާއި ހުނަރު ފަތުރައި، ދުޅަހެޔޮ ޞިއްޙަތާއި ވޯހިޔާވަހިކަމާއި ޤައުމީ އިޤްތިޞާދުގެ ނަފާ ހުރިހާ ރައްޔިތުންނަށް ފޯރުވައިދީ، ޤާނޫނުގެ ޙުކުމް ޢަދުލުވެރިކަމާއެކު އެންމެންގެ މައްޗަށް އާއްމުވެގެންވާ ގޮތުގައި ހިންގޭތޯ ހިއްމަތް ކުރުމަކީވެސް ޤައުމަށްޓަކައި، ވަޠަނަށްޓަކައި ވެވޭ އަގުބޮޑު ޤުރުބާނީއެކެވެ. ވުމާއެކު 2008 އޮކްޓޯބަރ 8 ވަނަ ދުވަހު ވޯޓުގައި ފާހަގަ ޖަހާއިރު ޤައުމާއި ވަޠަން މިއަދު އޮތް ޙާލަތާއި ޤައުމާއި ވަޠަނަށް މިއަދު ބޭނުންވެފައިވާ އެއްބައިވަންތަކަމުގެ މައްޗަށް ނަޒަރުކޮށް، ވިސްނާ ފިކުރު ކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ މައްޗަށް އޮތް ދީނީ އަދި ވަޠަނީ ވާޖިބެކެވެ.
ޤައުމަށްތަކައި ޤުރުބާންވެ، ވަޠަނަށްޓަކައި ޝަހީދުވެ ވަޑައިގެންނެވި އަގުމާތް އަބްޠާލުންގެ ޙައްޤުގައިވެސް އަޅުގަނޑުމެންނަކީ އަމާނާތް އަދާކުރާ ބަޔަކަށް ވަމާ ހިނގާށެވެ. ޤައުމަށްޓަކައި ޤުރުބާންވެ، ކެރިގެން ކުރިއަށްދާ ޒުވާނުން ކަމުގައި ވަމާ ހިނގާށެވެ. ވަޠަން އެދޭ ގޮތަކީ މިއެވެ.


ކަންނުވެ ނަންވުން
- އަތޮޅުތަކުގެ ތަރައްޤީއާއިބެހޭ ވަޒީރުކަމުގައި ހުންނަވައިގެން އެއްވެސްކަމެއް ނުކޮށްދެވުނު މީހަކަށް ނާއިބު ރައީސަކަށް ހުންނަވައިގެން ކޮށްދެވޭނީ ކޮންކަމެއް؟
ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ އަތޮޅުތަކުގައި ދިރިއުޅުއްވާ ނިކަމެތި ރައްޔިތުންނެވެ. އެމީހުންގެ އުއްމީދުތަކާއި އިޙްސާސްތަކާއި އެއްވަރަށް އަތޮޅުތައް ތަރައްޤީކުރެވިފައި ނެތުމަކީ 30 އަހރުގެ ދިގުވެރިކަމެއް ކުރެއްވި މައުމޫނު ޢަބްދުލްޤައްޔޫމަށް ރައްޔިތުން އާޑަ ފުރައްސާރަކުރަން ލާޒިމުވި ސަބަބެވެ.
ދިވެހިވެރިކަމުގެ ފާޑަށާއި ރާގަށްއައި ބޮޑު ބަދަލާއެކު ރައީސްކަމަށް ކުރިމަތިލާ ކޮންމެ މީހަކުމެ، ނާއިބު ރައީސެއް ދައްކާން ޖެހުމަކީ އަޙްމަދު ތަސްމީނު ޢަލީ ގަދަ މީހުންގެ ތެރޭގައި މައުމޫނު ޢަބްދުލްޤައްޔޫމު ތަސްމީނުގެ ނަންފުޅު ހިމެނެއްވުމަށް ނިންމެވި ގޮތެވެ.
މިއަދުވެސް އަޙްމަދު ތަސްމީނު ޢަލީ އަކީ މިނިސްޓަރ އޮފް އެޓޯލްސް ޑިވޮލްމަންޓެވެ. އަތޮޅުތަކުގެ ތަރައްޤީއާއި ބެހޭ ވުޒާރާގެ ރިމޯޓް އޮތީ އޭނާގެ އަތްޕުޅުގައެވެ. އެހެންނަމަވެސް ފާއިތުވި ދޮޅައްސަކަށް އަހަރުގެ ތެރޭގައި އަތޮޅުތަކުގެ ތަރައްޤީ މަޑުޖެހި، އިސްޖެހިގެން ދިޔައީ ތަސްމީނުގެ އެޓޯލްސް މިނިސްޓަރ ކަމުގައެވެ.
ޒުވާންކަމާއި ބަސްމޮށުންތެރިކަމާއި އިޤްތިޞާދާއި މުއްސަނދިކަމުގެ އެންމެ މަތީގައި ގިންތީގައި އަޙްމަދު ތަސްމީނުގެ ނަންފުޅު ރައީސް މައުމޫނު އާއުސްމިންތަކަކަށް އުފުލައި ލެއްވި ނަމަވެސް ތަސްމީނުގެ ކިބައިގައި ރައްޔިތުން ގޮވައިގެން އާއުސްމިންތަކަކަށް އަރާވަޑައިގަތުމުގެ ހިއްވަރެއް ނެތެވެ. ފާޑުވެރިކަމެއް ނެތެވެ. ބުންވަރެއްނެތެވެ. ވިސްނުމާއި ފިކުރެއްނެތެވެ.
ރިޔާސީ އިންތިޚާބުގެ ރަނިން މޭޓެއްގެ ގޮތުން އަތޮޅުތަކަށް ވަޑައިގަތުމުގެ ފުރުޞަތު ތަސްމީނަށް ލިބިވަޑައިގެންނެވިއިރު، ރައްޔިތުންގެ އިޙްސާސްތައް އަޑުއެއްސެވުމަށް ތަސްމީނަށް ފުރުޞަތެއް ނުދެއްވުނެވެ. އަދި ރައްޔިތުންގެ ހާލުބައްލަވަން ވަޑައެއް ނުގެންނެވުނެވެ. އެހެންނަމަވެސް ވޯޓް ހޯއްދަވަން ވަޑައިގެންނެވިއްޖެއެވެ.
އަޙްމަދު ތަސްމީނު ޢަލީ އަކީ މިއަދުވެސް ޤައުމުގެ ޚަޒާނާއިން ބޮޑު މުސާރައެއް ދެއްވާ ބޭފުޅެކެވެ. މިކަންކަން މިހެން އޮތްއިރު ތަސްމީނު ކޮންމެ ހައިސިއްޔަތަކުން ރައްޔިތުން ކައިރިއަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުންގެ ނުރުހުން ކުރިމަތިވެވަޑައިގަންނަވާނޭކަން ތަސްމީނަށާއި އޭނާގެ ސަޕޯޓަރުންނަށް ނުވިސްނަމަ، އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. ރައްޔިތުންގެ ޝަކުވާ އަޑުއައްސެވުމުގެ ޤާބިލިއްޔަތު ނެތްނަމަ އިސްތިޢުފާ ހަމަ ޙައްޤު ނުވޭތޯއެވެ. ރައްޔިތުންގެ ޖީބުން މުސާރަފުޅު ނަންގަވައިގެން ރައްޔިތުންނަށްޓަކައި ކަމެއްނުކޮށްދެވުނު ބޭފުޅަކަށް ނާއިބް ރައީސްކަން ލިބިވަޑައިގަތަސް ޤައުމަށްޓަކައި ކަމެއްކޮށްދެއްވިދާނެތޯއެވެ. މިފަދަ ބޭބޭފުޅުންނަށް ޤައުމުގެ ކުރިއަށް އަމިއްލަ މަސްލަޙަތުނޫން ކަމެއް އިސްކުރެއްވިދާނެތޯއެވެ؟
ތަސްމީނަކީ ހޯމްމިނިސްޓަރު ކަމުގައިވެސް މިފަދަ ތަޖުރިބާއެއް އޮތް ބޭފުޅެކެވެ. އަދި އެހެންމެ ތަސްމީނު ފާހަގަކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ހަރަކާތްތެރިކަން ކުޑަ އަދި 'ރައްޔިތުންގެ ބަސ'ް ވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
މުހިންމީ ރީތިނަމެއް ނުވަތަ ލަޤަބެއް ނޫނެެވެ. ޤައުމަށް މުހިންމީ ޚިދުމަތެވެ. އިޚްލާޞްތެރި ޚިދުމަތެވެ. އެފަދަ ޚިދުމަތެއް ކޮށްނުދެއްވައި ކަންނުވެ، ނަންވެވަޑައިގަތުމަކީ ދުރޫސުލް އަޚްލާޤާއި ދިވެހީންގެ ފަލްސަފާާއާއި ފުށުއަރާ ކަމެކެވެ. މަޤާމުގައި ދެމިހުންނެވުމުގެ ނިޔަތް އަރާރުންވެ، ޖަބާބު ލިބެންޖެހޭ ސުވާލުތައް އުފެދޭ ކަމެކެވެ.



Monday, October 13, 2008

ބޭނުމީ ބަދަލު ހެއްޔެވެ؟ ނުވަތަ ބަދަލުކުރުން ހެއްޔެވެ؟

ދިވެހި ތާރީޚުގައި އެންމެފުރަތަމައަށް ބޭއްވުނު ގިނަޕާޓީތައް ވާދަކުރި އިންތިޚާޞުގެ ފުރަތަމަބުރު ވަނީ އެއްވެސް ކެނޑިޑޭޓަކަށް ކުރިނުލިބި ނިމިގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މައުމޫނު ޢަބްދުލްޤައްޔޫމާއި އެމް.ޑީ.ޕީ އިއްތިޙާދުގެ ކެނޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) އަށް ވަނީ ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފައެވެ. އަދި މިނަތީޖާއެކު މިއިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމާއި ސޯޝަލް ލިބަރަލްޕާޓީގެ ކެނޑިޑޭޓް އިބްރާހީމް އިސްމާޢީލް (އިބްރާ) އާއި ފަރުދީ ކެނޑިޑޭޓެއްގެ ގޮތުން ވާދަކުރެއްވި ޑޮކްޓަރ ޙަސަން ސަޢީދުވަނީ އެމް.ޑީ.ޕީ އިއްތިޙާދާއި ގުޅިވަޑައިގެން އިޞްލާޙީ ގުޅުމުގެ ނަމުގައި އާ ކޯލިޝަނެއް އުފައްދަވާފައެވެ.
ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ނާޒުކު މައްސަލަތަކަށްބަލާއިރު ވަކިވަކި ކެނޑިޑޭޓުންނަށް ނުވަތަ ވަކިވަކި ޕާޓިތަކަށް މިގޮންޖެހުންތަކާއި މައްސަލަތައް ހައްލު ހޯދައިނުދެވޭނެކަން ދިވެހި އެންމެހައި ރައްޔިތުން ޤަބޫލުކުރާކަން މިއިންތިޚާބުގެ ފުރިހަމަ ނަތީޖާއިން މިވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.
ދިވެހިރައްޔިތުން ބޭނުންވަނީ ބަދަލެއްތޯ ނުވަތަ ނޫންތޯ މިއީ ކޮންމެ މީހަކުވެސް އެމީހާގެ ނަފްސާ މިއަދުކުރާ ސުވާލަކަށްވަނީވެފައެވެ. ޤައުމުގެ އުއްމީދުތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ފަރުމާކުރުމުގައި ރައްޔިތުންގެ ހިއްސާ އޮންނަގޮތަށް، ޝުޢޫރުތައް ޝާމިލުވާ ގޮތަށް ޤައުމުގެކަންކަން ބައްޓަންކުރުމުގެ ޤާބިލުކަންހުރީ ކާކުގެ ކިބައިގައިތޯ ނުވަތަ ކޮންކެނޑިޑޭޓެއްގެ ހަށީގައިތޯ ދިވެހީން މިދަނީ ސުވާލުކުރަމުންނެވެ. 2008 އޮކްޓޯބަރު 28 ވަނަ ދުވަހުގެ ކުރިން މިސުވާލުގެ ޖަބާވު ފުރހިމަވެފައި އޮތުމަކީ ޤައުމަށް ލާބައާއި މަންފާ ހުރިގޮތުގައި ވޯޓުގެ ޙައްޤު އަދާކުރުމުގައި ލިބިގެންދާނެ ލުއިކަމަކާއި ފަސޭހަކަމެކެވެ.
ޤައުމެއްގެ ޙަޔާތުގައި 30 އަހަރަކީ ވަރަށް ގިނަދުވަހެވެ. މީހެއްގެ އާންމު އުމުރަށް ބަލާފިނަމަ އެއީ ދެބައިކުޅަ އެއްބައެވެ. އަނެއްކޮޅުން މިދިގުމުއްދަތުގައި ރައްޔިތުން އެދޭގޮތަށް ކަންކުރެވިފައިވޭތޯއާއި ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދެވިފައިވޭތޯ ބެލުމަކީވެސް މިނާވަޒަންކޮށްލުން އެންމެ ރަނގަޅު ގޮތެވެ. އަދި މިއާއެކު އިދިކޮޅު ކެނޑިޑޭޓުގެ މާޟީއާއި އޭނާގެ ސިޔާސީ ޙަޔާތްޕުޅުގެ މައްޗަށް ނަޒަރުކުރުމަކީވެސް ކުރަންޖެހޭނެކަމެކެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެބޮޑަށް އަޅުވައިކިޔެނީ ބޭރާއެވެ. ބޭރުގެ ފަރާތްތަކުން އެމް.ޑީ.ޕީ އާއި ޑޮކްޓަރ ޙަސަން ސަޢީދު ގުޅިފައިވާކަމަށް ދެކެވޭ ވާހަކައެވެ. ބޭރުގެ ފަރާތްތަކުން ކެމްޕެއިން އިންތިޒާމުކުރާ ވާހަކައެވެ. ހަމަމިއާއެކު ޑީ.އާރު.ޕީ ވެސް އިންގިރޭސިންނާއި ގުޅިފައިވާކަމުގެ ހެކިތަކެއްވަނީ މީޑިޔާއަށް ހާމަވެގެން ގޮސްފައެވެ. މިއާއެކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަޅުގަނޑުމެން މިވަނީ ބޭރާއި ގުޅިލާމެހިފައި ކަމެވެ. ބޭރުގެ ތަޖުރިބާ އަޅުގަނޑުމެންގެ ވެއްޓަށް ފެތޭގޮތަށް ލިބިގަންނަށްޖެހޭކަމެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމުގެ ދަރިކަނަބަލަކު ކައިވެނީގެ ގޮތުން ގުޅިވަޑައިގެންފައިވަނީ އިނގިރޭސި- ބަންގާޅީ އަކާއި ކަމަށް ވުމަކީ މިދެންނެވި ބަހަށް ބާރުދޭ ޙަޤީޤަތަކަށް ނުވާނެތޯއެވެ. އަދި މިދެކަނބަލުންނަށްލިބޭ ދަރީންގެ ޢާއިލީ ނިސްބަތް އޮންނާނީ ބަންގާޅު ނުވަތަ އިގިރޭސި ޢާއިލާއަކަށެވެ.
އަޅުގަނޑުމެންގެ ޤައުމަށް މިވަގު ބޭނުންވަނީ ދީނާއަޅުވައި ގޮވުމެއް ނޫނެވެ. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާ ނުޚާލިފު ވާހަކަތައް ފަތުރައި އެކަކު އަނެކަކަށް އަގުވައްޓާލުމެއްނޫނެވެ. ޤައުމުގެ އަގުތައް ވައްޓާލައި، ރައްޔިތުން ހާސްކުރުވާ ޒާތުގެ ބޭކާރުވާހަކަ ދައްކާ ވަގުތު ނަގާލުމެއްނޫނެވެ. އަޅުގނަޑުމެން މިއަދު ބޭނުންވަނީ ޤައުމު އިޞްލާޙުކޮށް ހަމަމަގަށް އަޅުވާށެވެ. ރައްޔިތުންގެ ހިތްތަކުގައި ދީނުގެ ޢަޤީދާ ވަރުގަދަކޮށް، ރިވެތި އަޚްލާޤު އާލާކުރާށެވެ. ޚިޔާލުތަފާތުވުމާއެކުވެސް އެކުއުޅެވޭ އުފެއްދުންތެރި މުޖްތަމަޢެއް ބިނާކުރާށެވެ. ފުދުންތެރި އިޤްތިޞާދެއް ލިބިފައިވާ ޤާނޫނުގެ ޙުކުމް އެންމެންގެ މައްޗަށް ހިނގާ ގޮތުގެމަތީން ޤައުމު އާރާސްތުކުރާށެވެ. މިކަމަށްޓަކައި ބޭނުމީ ބަދަލުހެއްޔެވެ؟ ނުވަތަ ބަދަލުކުރުން ހެއްޔެވެ؟
ބަދަލުކުރުމާއި ބަދަލުގެނައުމަކީ އެއްގޮތަކަށްވެސް ފަސޭހަކަންކަމެއްނޫނެވެ. ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކަށް ބަލައިލުމުން މިކަމުގެ ސާބިތުހެކި ފެންނަށް އެބަހުއްެވެ. އަދި އަމުދުން ރާއްޖޭގައި މިއޮތްފަދަ ޚުދުމުޚުތާރު ސަޤާފަތަކުން ޑިމޮކްރަސީއަށް ވާޞިލުވުމަށްޓަކައި ޤައުމުތަކުންވަނީ ލައްކައަހަރު މިމަސައްކަތުގައި ނަގާފައެވެ. ލައްކަ މީހުންގެ ފުރާނައާއި މުދާވަނީ ޤުރުބާންކޮށްފައެވެ. ވުމާއެކު ޤައުމަށް އެންމެ ފައިދާހުރި ގޮތް އިޚުތިޔާރު ކުރުމުގައި އެކަކުވެސް ފަހަތުފަޔަށް ބުރަވެގެންނުވާނެވެ. އަދި ތިމާ ޤުރުބާންކުރަންޖެހުނު ކޮންމެ އަމިއްލަ މަޞްލަޙަތެއް ޤުރުބާން ކުރުމުގައި ފަސްޖެހިގެން ނުވާނެއެވެ.


ރިޔާސީ އިންތިޚާބުގެ ކިބަޅި ފަރާތް:
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މިކުރަނީ ކީއް؟
- އިންތިޚާބަށް ނުުފޫޒު ނުފޯރުވޭ ގޮތަށް އިންތިޚާބީ އޮފިޝަލުންގެ ކެއުންބުޔުމުގެ ކަންތައްތައް ހަމަޖައްސަންޖެހޭ.

ގިނަޕާޓީތައް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ބޭއްވި އެންމެފުރަތަމަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން 2008 އޮކްޓޯބަރު 8 ވަނަ ދުވަހުވަނީ ބޭއްވިފައެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުންގެ %60 ނޫނެކޭ ބުނިއިރު، އިންތިޚާބުގައި ވާދަކުރެއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވޭހާގާތަށްވެސް ވޯޓް ލިބިވަޑައިގެންފައެއްނުވެއެވެ.
ޑިމޮކްރަސީގެ ހަމަތަކާއި އިންތަކުގެ ތެރޭގައި ބޭއްވުމަށް މަސައްކަތްކުރެވުނު މިއިންތިޚާބުގައިވެސް އާދަޔާ ޚިލާފު މައްސަލަތައް ފެންމަތިވިއެވެ. މިގޮތުން ވޯޓިން ރަޖިސްޓްރީގެ މައްސަލައާއި، އެކަކު ދެފަހަރަށް ވޯޓުލީކަމުގެ ތުހުމުތައްވަނީ ކުރެވެންފަށާއެވެ. އަދި ވަރަށްފާޅުކަންބޮޑުގޮތެއްގައި ވަގުވޯޓު އެޅިކަމަށް އިދިކޮޅު އިއްތިޙާދުން ބުނަމުންދާއިރު އެކަމުގެ ރައްދު އިލެކްޝަން ކޮމިޝަނުން މިހާތަނަށް ދެއްވާފައި ނެތުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.
ދިވެހީންގެ ތެރޭގައި ވޯޓުގަތުމާއި ވިއްކުމުގެ ސަޤާފަތުގެ ތެރެއިން ބައެއްކަންކަން މިފަހަރުވެސް ހިނގައިދިޔަކަމަށްވެއެވެ. އެހެންނަމަވެސް ވޯޓު ވިޔަފާރީގެ މައްސަލަތަކަށްވުރެ ބައެއް ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިޚާބީ ނުރަސްމީ ހައިސިއްޔަތެއް ލިބިގެން އިންތިޚާބު ހިނަގމުންދިޔަވަގުތު ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ގެޒަޢީމަށް ވޯޓު ހޯދުމަށްޓަކައި ކެމްޕެއިން ކުރިމަންޒަރުތައްވެސް އަތޮޅުތެރެއިން ފެނިގެން ގޮސްފައިވެއެވެ.
އިންތިޚާބު އޮންނަ ދުވަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އޮންނަ އިންތިޚާބާއިބެހޭ ދައުރަކީ ލޮޖިސްޓިކު ދައުރެވެ. އިންތިޚާބުގެ ކަންތައްތަކުގައި ޙަރަކާތްތެރިވާ މީހުންނަށް ކައްކާ ކާންދިނުމެވެ. ބުނެވޭ ގޮތުގައި އިންތިޚާބުގެ ކަންތައްތަކުގައި ހަރަކާތްތެރިވާ މީހަކަށް ނުވަތަ ބޮލަކަށް އިލެކްޝަން ކޮމިޝަނުން ދުވާލަކަށް ކަޑައަޅާފައި އޮންނަނީ 140 ރުފިޔާ އެވެ. މިމިންވަރުން އެންމެމަތީ ކޮއްތާއި ފުޅީގައި ބަންދުކުރިފެނާއި ދުފުމާއި ކޮފީފަދަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ މިވަގުތު ބާޒާރުގެ އަގުތަކަށް ބަލާއިރު ޙަޤީޤަތުގައިވެސް ނުކުރެވޭނެ ކަމެކެވެ. އެހެންކަމުން މިޢަދަދަކީ ވިޔަފާރީގެ އުޞޫލުން އެންމެ އެކަށީގެންވާ ޢަދަދުކަމަށް ނުވާތީ ހޮޓާ، ރެސްޓޯރަންޓު ހުންނަ ރަށްރަށުގައިވެސް މިއަގަށް ކާންދިނުމަށް އަމިއްލަފަރުދުން އުޒުރުވެރިވެއެވެ. އަދި އަމުދުން ގިނައީ މިފަދަ ހޮޓަލެއް، ރެސްޓޯރެންޓެއް ނެތް ރަށްރަށެވެ. ވުމާއެކު ރަށުއޮފީސްތަކާއި އަތޮޅު އޮފީސްތަކުންވެސް އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާ އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންނަށް ކާންދިމުނާ މަތިކުރަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެވެ.
އަންހެނުންގެ ކޮމިޓީތައް އުފެދިފައިވާ ގޮތަށް ބަލާއިރު ގިނަކޮމިޓީތަކުގައި ހިމެނެނީ ކަތީބުންގެ އަނބިންނާއި ފަހަރިންނާއި ދައްތައިންނާއި ގާތްތިމާގެ މީހުންގެ އިތުރުން ދިވެހިރައްޔިތުންގެ ޕާޓީގެ އެކްޓިވިސްޓުންނެވެ. ވުމާއެކު އިލެކްޝަން ކޮމިޝަންގެ ސަޕޯޓް ގްރޫޕެއްގެ ގޮތުގައި އަންހެނުންގެ ކަޮމިޓީތައް ހަރަކާތްތެރިވަމުން ދާއިރު ރަށުތެރޭގައި ކެމްޕެއިން ކުރުމުގެ ފުރުޞަތު އޮންނަނީ އިންތިޚާއަށް ހުޅުވިފައެވެ. އެއޮތްގެއަށް ހިނކަދިފަތްކޮޅެއް، މިއޮތްގެއަށް ތެއްޔެއް، އެހެރެގެއަށް ރާބާފަތްކޮޅެއް ހޯދަންހިނގާ ނިމޭއިރު މުޅިރަށުތެރޭގައި އޮންނަނީ ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމަށް ކެމްޕެއިންކޮށް ނިމިފައެވެ. އިންތިޚާބުގައި ވޯޓުދޭންވީ ކާކަށްކަން ވަޢުދު ކުރުވާފައެވެ. މައުމޫނަށް ވޯޓު ނުދީފިނަމަ ދިވެހިރައްޔިތުން ބަޑަށްޖެހި މަރުވެދާނެކަން ހަނދާންކޮށްދީފައެވެ. އަދި އަމުދުން އެހެންކެނޑިޑޭޓުންނާމެދު ނަފުރަތު އުފައްދާފައެވެ. ނަތީޖާއަކަށްވަނީ ރިޔާސީއިންތިޚާބުގެ ޤާނޫނާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފަށް ވަކިމީހަކަށް ތާއީދުހޯދުމަށްޓަކައި ނުރަނގަޅުގޮތުގައި ބާރާއި ނުފޫޒުބޭނުންކޮށްގެން ކެމްޕެއިންކުރެވި އެހެންކެނޑީޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމުގެ ފުރުޞަތު ނުސީދާކޮށް އިލެކްޝަންކަމިޝަނުން ފަހިކޮށްދެވިފައި އޮތުމެވެ. ވުމާއެކު އިންތިޚާބުގެ ލޮޖިސްޓިކް ނުވަތަ އިލެކްޝަން ކަމިޝަންގެ އޮފިޝަލުންނަށް ކައްކާ ކާންދިމުގެ އިންތިޒާމުތައް އެންމެ ހަރުދަނާ ގޮތުގައި އިންތިޚާބަށް ސީދާކޮށްނާއި ނުސީދާކޮށް ހަމަޖައްސައި ދިނުމަކީ އިލެކްޝަން ކޮމިޝަންގެ ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ.



Monday, September 29, 2008

ވެލިދޫ ދޮންޢަލި މުޙައްމަދު: ޑިމޮކްރަސީގެ ބަޠަލެއް

ރައީސް މައުމޫނުގެ ވެރިކަމުގެ ދިގުތާރީޚުގައި ރައްޔިތުންދޭ ވޯޓްގެ ޞައްޙަކަމާމެދު އަބަދުވެސް ރައްޔިތުންއައީ ސުވާލު އުފައްދަމުންނެވެ. ރައީސް މައުމޫނު ވެރިކަމުގައި ހުންނަށް ނުފެންނަކަމަށްބުނެ، ރަސްގެޖަހައި، ރަށުގެ ވޯޓު ފޮއްޓަށްވައްޓާލާ ވޯޓަށް ވާގޮތެއްނޭނގެއެވެ. ނަތީޖާ އިޢުލާންކުރެވޭއިރު ރަށުގެ ވޯޓް ފޮށީގެ ނަތީޖާ ހަމަ ސައްތައިން ސައްތަ ރައީސް މައުމޫނަށް ތާއީދުކުރާ ކަމަށްވެއެވެ. 
ރާއްޖޭގެ މާޟީގައި ޑިމޮކްރަސީގެ ކުލަނެތަސް އެދުވަސްވަރުއުފެދު ހިތްވަރުގަދަ ބަޠަލުންނަކީ ފާހަގަކޮށްލަންޖެހޭ ބައެކެވެ. ދިވެހީންގެ ޙަޔާތް ފުރާފުރިހަމަވެ، ޑިމޮކްރަސީގެ މަގުން ކަންކުރުމުގެ ފުރުޞަތުތައް ހުޅުވެމުންދާއިރު އެފަދަ ބަޠަލުންގެ ހަނދާން އާކޮށްލުމަކީވެސް ހަމައެންމެ ރަނގަޅުކަމަކަށް ނުވާނެތޯއެވެ؟ 
އަޅުގަނޑުމެންގެ މިލޮބުވެތި ރަށުގައި، ނ. ވެލިދޫގައި އުފެދުނު ދޮންޢަލި މުޙައްމަދުފުޅަކީ މިދެންނެވި ހިތްވަރުގަދަ މަދުބޭފުޅުންގެ ތެރެއިންވެސް ނާދިރު މިސާލެކެވެ. 1983 ވަނަ އަހަރުއޮތް ރިޔާސީއިންތިޚާބުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ދޮންޢަލި މުޙައްމަދު ޖެއްސެވީ ރަސްގެއެވެ. ހަމައެކަން އެނގުމާއެކު ދޮންޢަލި މުޙައްމަދުގެ ވޯޓަށް ކަތީބު ހުރަސްއެޅިއެވެ. އެވޯޓު ނުލެވޭނޭ ކަމަށް ބުންޏެވެ. އެހެންނަމަވެސް ދޮންޢަލި މުޙައްމަދު އޭރުވެސް ވިދާޅުވަމުން ގެންދެވީ އޭނާއަށް ފެންނަގޮތަށް ވޯޓް ދިނުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއްކަމަށާއި އެކަމަށް ހުރަސްއެޅޭނެ ހަމައެކަކުވެސް ނުހުންނާނެކަމަށެވެ. އަދި މާތްﷲ ފިޔަވައި ބިރުގަންނަ އެހެންއެއްވެސް ފަރާތެއްނުވާކަމަށާއި ހުރަގޭގައި އަނދަގޮޑީގައި އޮވެކަށިފުރޭނިގެންދިޔައަސް އޭނާއަށް ލިބިލައްވާފައިވާ ޙައްޤުގެ އެންމެތަންފުކެއްވެސް ދޫކޮށްނުލައްވާނޭ ކަމަށެވެ. އަދި ދެފަރާތުގެ ބަޙުސް ހޫނެވެ، އެންމެފަހުން ކަތީބު ދޮންޢަލި މުޙައްމަދުގެ އަތްޕުޅުގައި އޮތް ވޯޓްކަރުދާސްކޮޅު އަތުލަން އުޅުމުން އެވޯޓްކަރުދާސްކޮޅު ދޮންޢަލި މުޙައްމަދުގެ އަނގަޔަށް ލެއްވިއެވެ. ހާދަހިތްވަރުފުޅުގަދަ ޢަމަލެކެވެ. ރައީސް މައުމޫނުގެ ވެރިކަމަުގެ އެންމެ ރަންޒަމާނުގައި މިނިވަންކަމުގެ ޝުޢޫރު ފާޅުކުރައްވަން ދޮންޢަލި މުޙައްމަދަށް ކެރިވަޑައިގަތްކަންއެއީ، އޭނާ ޤައުމަށްޓަކައި، ޑިމޮކްރަސީއަށްޓަކައި ވެވަޑައިގެންނެވި ހާދަމަތިވެރި ޤުރުބާނީއެކެވެ. އޭނާގެ މައްޗަށް ދަޢުވާކޮށް އަރުވާވެސް ލެއްވިއެވެ. ނަމަވެސް މިއަދުވެސް އޭނާ ފެންނަނީ ވަރަށްސާބިތު ބޭފުޅެއްގެ ގޮތުގައެވެ. އެކަން މިއަދުވެސް ދޮންޢަލި މުޙައްމަދު ފެންނަ ކޮންމެ ހިނދެއްގައި އަޅުގަނޑުގެ ހިތުގައި އާލާވެގެންދެއެވެ. 
ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތަކަކީ ސަރުކާރުން ހައިޖެކްކޮށް ވަރަށްބޮޑަށް ހިފަހައްޓަމުންއައިސްފައިވާ ހައްޤުތަކެކެވެ. އެޙައްޤުތަކުން ކިރިޔާވެސް މިންވަރެއް ލިބިފައިހުރި މީހަކުހުރިނަމަ އެމީހަކީ ސަރުކާރާއި ގުޅުންބޮޑު މީހެކެވެ. 
ދިވެހިރާއްޖެއަށް މިއައި ހެޔޮބަދަލުތަކާއި އިޞްލާހުތަކަކީ އެތެރޭގައިތިބި ބަޔަކުކުރިކަމަކުން ޙާޞިލުވިކަމެއްނޫނެވެ. އަދި ކިއެއްތަމިއީ ސަރުކާރުން ރައްޔިތުންނަށް ދެއްވި ވެދުމެއްވެސް ނޫނެވެ. މިއީ، ރައްޔިތުން މަގުމައްޗަށް ނިކުމެ އެމީހުން އަމިއްލައަށްހޯދި ޙައްޤުތަކެކެވެ. ރައްޔިތުންގެ މާލާއި ޖާނުންވީ ޤުރުބާނީއެއްގެ އަގެވެ. މިއަގު އެންމެހެޔޮގޮތުގައި އަދާކުރެވޭނީ ނަފްސަށް އިޚްލާޞްތެރިވެގެންނެވެ. ޖީބަށް ނުވިކި، ބިރަށް ނުސިހި ވެލިދޫ ދޮންޢަލި މުޙައްމަދު ފަދައިން ސާބިތުވެ ހުންނަވައިގެނެވެ.