Wednesday, October 22, 2008

ކަންނުވެ ނަންވުން
- އަތޮޅުތަކުގެ ތަރައްޤީއާއިބެހޭ ވަޒީރުކަމުގައި ހުންނަވައިގެން އެއްވެސްކަމެއް ނުކޮށްދެވުނު މީހަކަށް ނާއިބު ރައީސަކަށް ހުންނަވައިގެން ކޮށްދެވޭނީ ކޮންކަމެއް؟
ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ އަތޮޅުތަކުގައި ދިރިއުޅުއްވާ ނިކަމެތި ރައްޔިތުންނެވެ. އެމީހުންގެ އުއްމީދުތަކާއި އިޙްސާސްތަކާއި އެއްވަރަށް އަތޮޅުތައް ތަރައްޤީކުރެވިފައި ނެތުމަކީ 30 އަހރުގެ ދިގުވެރިކަމެއް ކުރެއްވި މައުމޫނު ޢަބްދުލްޤައްޔޫމަށް ރައްޔިތުން އާޑަ ފުރައްސާރަކުރަން ލާޒިމުވި ސަބަބެވެ.
ދިވެހިވެރިކަމުގެ ފާޑަށާއި ރާގަށްއައި ބޮޑު ބަދަލާއެކު ރައީސްކަމަށް ކުރިމަތިލާ ކޮންމެ މީހަކުމެ، ނާއިބު ރައީސެއް ދައްކާން ޖެހުމަކީ އަޙްމަދު ތަސްމީނު ޢަލީ ގަދަ މީހުންގެ ތެރޭގައި މައުމޫނު ޢަބްދުލްޤައްޔޫމު ތަސްމީނުގެ ނަންފުޅު ހިމެނެއްވުމަށް ނިންމެވި ގޮތެވެ.
މިއަދުވެސް އަޙްމަދު ތަސްމީނު ޢަލީ އަކީ މިނިސްޓަރ އޮފް އެޓޯލްސް ޑިވޮލްމަންޓެވެ. އަތޮޅުތަކުގެ ތަރައްޤީއާއި ބެހޭ ވުޒާރާގެ ރިމޯޓް އޮތީ އޭނާގެ އަތްޕުޅުގައެވެ. އެހެންނަމަވެސް ފާއިތުވި ދޮޅައްސަކަށް އަހަރުގެ ތެރޭގައި އަތޮޅުތަކުގެ ތަރައްޤީ މަޑުޖެހި، އިސްޖެހިގެން ދިޔައީ ތަސްމީނުގެ އެޓޯލްސް މިނިސްޓަރ ކަމުގައެވެ.
ޒުވާންކަމާއި ބަސްމޮށުންތެރިކަމާއި އިޤްތިޞާދާއި މުއްސަނދިކަމުގެ އެންމެ މަތީގައި ގިންތީގައި އަޙްމަދު ތަސްމީނުގެ ނަންފުޅު ރައީސް މައުމޫނު އާއުސްމިންތަކަކަށް އުފުލައި ލެއްވި ނަމަވެސް ތަސްމީނުގެ ކިބައިގައި ރައްޔިތުން ގޮވައިގެން އާއުސްމިންތަކަކަށް އަރާވަޑައިގަތުމުގެ ހިއްވަރެއް ނެތެވެ. ފާޑުވެރިކަމެއް ނެތެވެ. ބުންވަރެއްނެތެވެ. ވިސްނުމާއި ފިކުރެއްނެތެވެ.
ރިޔާސީ އިންތިޚާބުގެ ރަނިން މޭޓެއްގެ ގޮތުން އަތޮޅުތަކަށް ވަޑައިގަތުމުގެ ފުރުޞަތު ތަސްމީނަށް ލިބިވަޑައިގެންނެވިއިރު، ރައްޔިތުންގެ އިޙްސާސްތައް އަޑުއެއްސެވުމަށް ތަސްމީނަށް ފުރުޞަތެއް ނުދެއްވުނެވެ. އަދި ރައްޔިތުންގެ ހާލުބައްލަވަން ވަޑައެއް ނުގެންނެވުނެވެ. އެހެންނަމަވެސް ވޯޓް ހޯއްދަވަން ވަޑައިގެންނެވިއްޖެއެވެ.
އަޙްމަދު ތަސްމީނު ޢަލީ އަކީ މިއަދުވެސް ޤައުމުގެ ޚަޒާނާއިން ބޮޑު މުސާރައެއް ދެއްވާ ބޭފުޅެކެވެ. މިކަންކަން މިހެން އޮތްއިރު ތަސްމީނު ކޮންމެ ހައިސިއްޔަތަކުން ރައްޔިތުން ކައިރިއަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުންގެ ނުރުހުން ކުރިމަތިވެވަޑައިގަންނަވާނޭކަން ތަސްމީނަށާއި އޭނާގެ ސަޕޯޓަރުންނަށް ނުވިސްނަމަ، އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. ރައްޔިތުންގެ ޝަކުވާ އަޑުއައްސެވުމުގެ ޤާބިލިއްޔަތު ނެތްނަމަ އިސްތިޢުފާ ހަމަ ޙައްޤު ނުވޭތޯއެވެ. ރައްޔިތުންގެ ޖީބުން މުސާރަފުޅު ނަންގަވައިގެން ރައްޔިތުންނަށްޓަކައި ކަމެއްނުކޮށްދެވުނު ބޭފުޅަކަށް ނާއިބް ރައީސްކަން ލިބިވަޑައިގަތަސް ޤައުމަށްޓަކައި ކަމެއްކޮށްދެއްވިދާނެތޯއެވެ. މިފަދަ ބޭބޭފުޅުންނަށް ޤައުމުގެ ކުރިއަށް އަމިއްލަ މަސްލަޙަތުނޫން ކަމެއް އިސްކުރެއްވިދާނެތޯއެވެ؟
ތަސްމީނަކީ ހޯމްމިނިސްޓަރު ކަމުގައިވެސް މިފަދަ ތަޖުރިބާއެއް އޮތް ބޭފުޅެކެވެ. އަދި އެހެންމެ ތަސްމީނު ފާހަގަކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ހަރަކާތްތެރިކަން ކުޑަ އަދި 'ރައްޔިތުންގެ ބަސ'ް ވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
މުހިންމީ ރީތިނަމެއް ނުވަތަ ލަޤަބެއް ނޫނެެވެ. ޤައުމަށް މުހިންމީ ޚިދުމަތެވެ. އިޚްލާޞްތެރި ޚިދުމަތެވެ. އެފަދަ ޚިދުމަތެއް ކޮށްނުދެއްވައި ކަންނުވެ، ނަންވެވަޑައިގަތުމަކީ ދުރޫސުލް އަޚްލާޤާއި ދިވެހީންގެ ފަލްސަފާާއާއި ފުށުއަރާ ކަމެކެވެ. މަޤާމުގައި ދެމިހުންނެވުމުގެ ނިޔަތް އަރާރުންވެ، ޖަބާބު ލިބެންޖެހޭ ސުވާލުތައް އުފެދޭ ކަމެކެވެ.



No comments: