Monday, October 13, 2008

ބޭނުމީ ބަދަލު ހެއްޔެވެ؟ ނުވަތަ ބަދަލުކުރުން ހެއްޔެވެ؟

ދިވެހި ތާރީޚުގައި އެންމެފުރަތަމައަށް ބޭއްވުނު ގިނަޕާޓީތައް ވާދަކުރި އިންތިޚާޞުގެ ފުރަތަމަބުރު ވަނީ އެއްވެސް ކެނޑިޑޭޓަކަށް ކުރިނުލިބި ނިމިގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މައުމޫނު ޢަބްދުލްޤައްޔޫމާއި އެމް.ޑީ.ޕީ އިއްތިޙާދުގެ ކެނޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) އަށް ވަނީ ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފައެވެ. އަދި މިނަތީޖާއެކު މިއިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމާއި ސޯޝަލް ލިބަރަލްޕާޓީގެ ކެނޑިޑޭޓް އިބްރާހީމް އިސްމާޢީލް (އިބްރާ) އާއި ފަރުދީ ކެނޑިޑޭޓެއްގެ ގޮތުން ވާދަކުރެއްވި ޑޮކްޓަރ ޙަސަން ސަޢީދުވަނީ އެމް.ޑީ.ޕީ އިއްތިޙާދާއި ގުޅިވަޑައިގެން އިޞްލާޙީ ގުޅުމުގެ ނަމުގައި އާ ކޯލިޝަނެއް އުފައްދަވާފައެވެ.
ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ނާޒުކު މައްސަލަތަކަށްބަލާއިރު ވަކިވަކި ކެނޑިޑޭޓުންނަށް ނުވަތަ ވަކިވަކި ޕާޓިތަކަށް މިގޮންޖެހުންތަކާއި މައްސަލަތައް ހައްލު ހޯދައިނުދެވޭނެކަން ދިވެހި އެންމެހައި ރައްޔިތުން ޤަބޫލުކުރާކަން މިއިންތިޚާބުގެ ފުރިހަމަ ނަތީޖާއިން މިވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.
ދިވެހިރައްޔިތުން ބޭނުންވަނީ ބަދަލެއްތޯ ނުވަތަ ނޫންތޯ މިއީ ކޮންމެ މީހަކުވެސް އެމީހާގެ ނަފްސާ މިއަދުކުރާ ސުވާލަކަށްވަނީވެފައެވެ. ޤައުމުގެ އުއްމީދުތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ފަރުމާކުރުމުގައި ރައްޔިތުންގެ ހިއްސާ އޮންނަގޮތަށް، ޝުޢޫރުތައް ޝާމިލުވާ ގޮތަށް ޤައުމުގެކަންކަން ބައްޓަންކުރުމުގެ ޤާބިލުކަންހުރީ ކާކުގެ ކިބައިގައިތޯ ނުވަތަ ކޮންކެނޑިޑޭޓެއްގެ ހަށީގައިތޯ ދިވެހީން މިދަނީ ސުވާލުކުރަމުންނެވެ. 2008 އޮކްޓޯބަރު 28 ވަނަ ދުވަހުގެ ކުރިން މިސުވާލުގެ ޖަބާވު ފުރހިމަވެފައި އޮތުމަކީ ޤައުމަށް ލާބައާއި މަންފާ ހުރިގޮތުގައި ވޯޓުގެ ޙައްޤު އަދާކުރުމުގައި ލިބިގެންދާނެ ލުއިކަމަކާއި ފަސޭހަކަމެކެވެ.
ޤައުމެއްގެ ޙަޔާތުގައި 30 އަހަރަކީ ވަރަށް ގިނަދުވަހެވެ. މީހެއްގެ އާންމު އުމުރަށް ބަލާފިނަމަ އެއީ ދެބައިކުޅަ އެއްބައެވެ. އަނެއްކޮޅުން މިދިގުމުއްދަތުގައި ރައްޔިތުން އެދޭގޮތަށް ކަންކުރެވިފައިވޭތޯއާއި ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދެވިފައިވޭތޯ ބެލުމަކީވެސް މިނާވަޒަންކޮށްލުން އެންމެ ރަނގަޅު ގޮތެވެ. އަދި މިއާއެކު އިދިކޮޅު ކެނޑިޑޭޓުގެ މާޟީއާއި އޭނާގެ ސިޔާސީ ޙަޔާތްޕުޅުގެ މައްޗަށް ނަޒަރުކުރުމަކީވެސް ކުރަންޖެހޭނެކަމެކެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެބޮޑަށް އަޅުވައިކިޔެނީ ބޭރާއެވެ. ބޭރުގެ ފަރާތްތަކުން އެމް.ޑީ.ޕީ އާއި ޑޮކްޓަރ ޙަސަން ސަޢީދު ގުޅިފައިވާކަމަށް ދެކެވޭ ވާހަކައެވެ. ބޭރުގެ ފަރާތްތަކުން ކެމްޕެއިން އިންތިޒާމުކުރާ ވާހަކައެވެ. ހަމަމިއާއެކު ޑީ.އާރު.ޕީ ވެސް އިންގިރޭސިންނާއި ގުޅިފައިވާކަމުގެ ހެކިތަކެއްވަނީ މީޑިޔާއަށް ހާމަވެގެން ގޮސްފައެވެ. މިއާއެކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަޅުގަނޑުމެން މިވަނީ ބޭރާއި ގުޅިލާމެހިފައި ކަމެވެ. ބޭރުގެ ތަޖުރިބާ އަޅުގަނޑުމެންގެ ވެއްޓަށް ފެތޭގޮތަށް ލިބިގަންނަށްޖެހޭކަމެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމުގެ ދަރިކަނަބަލަކު ކައިވެނީގެ ގޮތުން ގުޅިވަޑައިގެންފައިވަނީ އިނގިރޭސި- ބަންގާޅީ އަކާއި ކަމަށް ވުމަކީ މިދެންނެވި ބަހަށް ބާރުދޭ ޙަޤީޤަތަކަށް ނުވާނެތޯއެވެ. އަދި މިދެކަނބަލުންނަށްލިބޭ ދަރީންގެ ޢާއިލީ ނިސްބަތް އޮންނާނީ ބަންގާޅު ނުވަތަ އިގިރޭސި ޢާއިލާއަކަށެވެ.
އަޅުގަނޑުމެންގެ ޤައުމަށް މިވަގު ބޭނުންވަނީ ދީނާއަޅުވައި ގޮވުމެއް ނޫނެވެ. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާ ނުޚާލިފު ވާހަކަތައް ފަތުރައި އެކަކު އަނެކަކަށް އަގުވައްޓާލުމެއްނޫނެވެ. ޤައުމުގެ އަގުތައް ވައްޓާލައި، ރައްޔިތުން ހާސްކުރުވާ ޒާތުގެ ބޭކާރުވާހަކަ ދައްކާ ވަގުތު ނަގާލުމެއްނޫނެވެ. އަޅުގނަޑުމެން މިއަދު ބޭނުންވަނީ ޤައުމު އިޞްލާޙުކޮށް ހަމަމަގަށް އަޅުވާށެވެ. ރައްޔިތުންގެ ހިތްތަކުގައި ދީނުގެ ޢަޤީދާ ވަރުގަދަކޮށް، ރިވެތި އަޚްލާޤު އާލާކުރާށެވެ. ޚިޔާލުތަފާތުވުމާއެކުވެސް އެކުއުޅެވޭ އުފެއްދުންތެރި މުޖްތަމަޢެއް ބިނާކުރާށެވެ. ފުދުންތެރި އިޤްތިޞާދެއް ލިބިފައިވާ ޤާނޫނުގެ ޙުކުމް އެންމެންގެ މައްޗަށް ހިނގާ ގޮތުގެމަތީން ޤައުމު އާރާސްތުކުރާށެވެ. މިކަމަށްޓަކައި ބޭނުމީ ބަދަލުހެއްޔެވެ؟ ނުވަތަ ބަދަލުކުރުން ހެއްޔެވެ؟
ބަދަލުކުރުމާއި ބަދަލުގެނައުމަކީ އެއްގޮތަކަށްވެސް ފަސޭހަކަންކަމެއްނޫނެވެ. ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކަށް ބަލައިލުމުން މިކަމުގެ ސާބިތުހެކި ފެންނަށް އެބަހުއްެވެ. އަދި އަމުދުން ރާއްޖޭގައި މިއޮތްފަދަ ޚުދުމުޚުތާރު ސަޤާފަތަކުން ޑިމޮކްރަސީއަށް ވާޞިލުވުމަށްޓަކައި ޤައުމުތަކުންވަނީ ލައްކައަހަރު މިމަސައްކަތުގައި ނަގާފައެވެ. ލައްކަ މީހުންގެ ފުރާނައާއި މުދާވަނީ ޤުރުބާންކޮށްފައެވެ. ވުމާއެކު ޤައުމަށް އެންމެ ފައިދާހުރި ގޮތް އިޚުތިޔާރު ކުރުމުގައި އެކަކުވެސް ފަހަތުފަޔަށް ބުރަވެގެންނުވާނެވެ. އަދި ތިމާ ޤުރުބާންކުރަންޖެހުނު ކޮންމެ އަމިއްލަ މަޞްލަޙަތެއް ޤުރުބާން ކުރުމުގައި ފަސްޖެހިގެން ނުވާނެއެވެ.


No comments: