ރިޔާސީ އިންތިޚާބަށްފަހު،
މިއީ އެއްބައި ވުމުގެ ވަގުތެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ އިލެކްޝަން މިވަނީ ނިމިފައެވެ. އެމީހަކު ބޭނުންވި ގޮތަކަށް، ބޭނުންވި ފިކުރަކަށް ވޯޓްދީ ޙައްޤު މިވަނީ އެންމެ ޒިމާދާރު ގޮތުގައި އަދާކޮށްފައެވެ. ވޯޓް މެދުވެރިކޮށް މުޙައްމަދު ނަޝީދު (އަންނި) އާއި މިޤައުމުގެ ވެރިކަން ހަވާލުކޮށްފައެވެ. މިތާރީޚީ ބަދަލަކީ ރަނގަޅު ބަދަލެއްކަން ނުވަތަ ނޫންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް (މުންތަޚަބު) މުޙައްމަދު ނަޝީދު (އަންނި) ގެ މައްޗަށް އޮތް ކަމެކެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހިނގާފައިވަނީ އެންމެ ރަނގަޅަށް ނޫންކަން އެންމެރައްޔިތުންނަށް އެނގެއެވެ. ޤައުމުގެ ރައީސްކަމާއި މަތިވެދާނެ ބައެއްފަރާތްތަކުގެ އަގު ވައްޓާލައި ދިވެހީންގެ ޢަޤީދާއަށް ފާޅުގައި ބަޔަކުވަނީ އަރައިގެންފައެވެ. ދިވެހީންގެ ދީނީ ވަޙުދަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ބަޔަކުވަނީ ނުރަނގަޅު ގޮތުގައި މަސައްކަތްކޮށްފައެވެ. މިއީ ކަންހިނގައިދިޔަގޮތެވެ. އެއީ އިންތިޚާބީ ފޯރިއެވެ. ކެނޑީޑޭޓުންނާމެދު ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވެނު އިންތިޚާބީ މަސައްކަތެވެ. އެއީ މާޟީ އެވެ.
އިންތިޚާބުތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކީ އެއްގޮތަކަށްވެސް ޒާތީ ކަމެއްނޫނެވެ. އެއީ ސިޔާސީ ވިސްނުމާއި ޤަބޫލުކުރާ ހަމަތަކާއި އުއްމީދުތަކެވެ. އިންތިޚާބުގައި ދެވޭ ވޯޓަކީ މިދެންނެވި އަސާސްތަކުގެ މައްޗަށް ރައްޔިތުން އާބަސްބުނެވެ. ވުމާއެކު މިއަދު އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހަކުވެސް ހިތްތިރިކޮށް މަޑުމައިތިރިކަމާއެކު ތިމާއާގެ އަޚާއާއި ކުރިމަތި ލާންޖެހޭނެއެވެ. ގޮތްދޫނުކުރުމާއި މަލާމާތް ރައްދުކުރުމާއި ބަދުބަސް ބުނުމަކީ ހަމައެކަކުވެސް ގޮތްކޮންވާނޭ ކަމެއްނޫނެވެ.
ޤައުމާމެދު ވިސްނުމަކީ ކޮންމެ މަރުޙަލާއެއްގައިވެސް އަޅުގަނޑުމެންގެ ވިސްނުން ކަމަށް ހެދުމަކީ އެންމެބުއްދިވެރި ގޮތެވެ. ޤައުމަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެކަމާއި ޤައުމަށްވުރެ އުހަށްދެވޭނެ އެއްވެސް ފިކުރެއްނޯންނާނެކަން ޤަބޫލުކުރުމަކީ އެންމެ ރަނގަޅު ހަމައެވެ. އަޅުގަނޑުމެން މިޤައުމުގައި ދިރިއުޅޭހާ ދުވަހަކު ޤައުމު ބިނާކުރުމާއި އާރާސްތުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ. ސަރުކާރެއް އުފައްދަނީ މިދެންނެވި މަސައްކަތްތައް ކުރުމަށްތަކައެވެ. އެކަން ބަޔަކާ ހަވާލުކޮށް، އެމީހުން ޖަވާބުދާރީ ކުރުމަށްޓަކައެވެ. އެމީހުންނަށް ރައްޔިތުންގެ އުއްމީދުތައް ހާޞިލުނުކޮށްދެވޭ ދުވަހަކީ ވެރިކަން ބަދަލުކުރާންޖެހޭ ދުވަހެވެ.
ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކީ ބައެއްމީހުންނަށް ހަޖަމުކޮށްލަން އެހާފަސޭހަކަމަކަށް ނުވެދާނެއެވެ. ޚުދުއެމަނިކުފާނަށްވެސް އެކަން ހަޖަމް ކުރެއްވުމަކީ ދަތިކަމަކަށް ވާނެއެވެ. އަދި ވަކީން އެމަނިކުފާނުގެ އިންތިޚާބީ ކެމްޕެއިން ފާލުން ނައްޓުވާލައި، އިދކޮޅު ކެނޑިޑޭޓުންނަށް ޒާތީ ތީރުތައް އުއްކެވި އަލީ ވަޙީދުމެންފަދަ ބޭބޭފުޅުންނަށް މިނަތީޖާ ހަޖަމްކޮށްލައިގެން ތިއްބެވުމަކީ މިވަގުތައް އެހާފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ޤަބޫލުކުރަންވީ އަޚްލާޤީ ރީތި ސިފައަކީ ނާކާމިޔާބަކީވެސް ކުރިމަތިވާނެކަމެއްކަމާއި މިފަދަ ވަގުތުތަކުގައި ކެތްތެރިވާންޖެހޭނެކަމެވެ. އަދި 2008 އޮކްޓޯބަރު 28 ވަނަ ނިކުތް ނަތީޖާއަކީ ރައްޔިތުން ސީދާ ރައްޔިތުންގެ ބަސްކަމާއި، ރައްޔިތުންގެ މިނިންމުމުގެ ސަބަބުން މިސްތަކުގެ ބަންގީގެ އަޑަށް އެއްވެސް ބަދަލެއް ނާންނަކަމެވެ.
ސިޔާސީ ފިކުރާއި ވިސްނުމަކީ ޤައުމު ބައިބައިވުމަށް ހުޅެވޭ ދޮރެއްނޫނެވެ. އަދި ކިއެއްތަ އެއީ ޤައުމުގެ ކަންކަމާމެދު ހުރިހާ ފިކުރެއްގެ މީހުން ސައްލާކޮށް މަޝްވަރާކުރުމަށްޓަކައި އޮންނަ ހަމައެކެވެ. ވުމާއެކު އިންތިޚާބުގެ ފަހުގައިވެސް އަޅުގަނޑުމެންގެ އަމިއްލަ ސަޚްޝީ އަދި ޤައުމީ ދިރިއުޅުމަށް ރުޖޫޢަވެ، އިޖްތިމާޢީ މަސްލަހަތު ކުރިއަށް ނެރުމަކީ އަޅުގނަޑުމެންގެ މަސްއޫލިއްޔަތުކަމުގައި ހަދަމާތޯއެވެ. އަޅުގަނޑުމެންނަކީ ބައިބައިވުމަށް ހިތްވަރުދޭ ބަޔަކަށް ނުވަމާތޯއެވެ. އެކުވެރިކަމާ، ހިނތުންވުމާ، ކެތްތެރިކަމާއެކު އެކަކު އަނެކަކާ ބައްދަލުކުރަމާތޯއެވެ.
No comments:
Post a Comment