Tuesday, November 4, 2008

ާ

މަރުޙަބާ އަންނި

ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ދިވެހިރައްޔިތުންގެ ޑިމޮކުރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިއްތިޙާދުގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ހޯއްދެވި މަތިވެރި ކާމިޔާބީއަށްޓަކައި ހިތުގެ އިޚްލާޞްތެރި މަރުޙަބާ ދަންނަވަމެވެ. އަދި ހަމަމިމޭރުމުން އަންނިގެ ރަނިންމޭޓް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު (ޑރ. ވަޙީދު) އަށްވެސް މަރުޙަބާ ދަންނަވަމެވެ.

ރިޔާސީ އިންތިޚާބަށްފަހުގައި ރައީސް މައުމޫނު ދައްކަވަމުން ގެންދަވާ ޑިމޮކްރަސީގެ ރިވެތި ހަމަތަކަށް އެމަނިކުފާނަށްވެސް ޝުކުރު ދެންނެވުމަކީ އޮތްކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ އަންނިގެ ރަސްމީ މަސައްކަތްޕުޅުގެ ފެށުމެވެ. އެހެންކަމުން ރައްޔިތުންގެ ކުރިމައްޗަށް އަންނި ނެރުއްވި ވަޢުދުތަކާއި ސިޔާސަތުތައް ވީހާވެސް އަވަހަކަށް ތަންފީޛު ކުރެއްވުމަކީ އަންނި ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމެކެވެ. މިއަދު އެއްވެސް ދިވެއްސަކު ބަހަނާ ދައްކާ ކަންނުކުރާ ސަޤާފަތެއް އަލުން ތަކުރާރުވާކަށް ބޭނުމެއް ނޫނެވެ. ވަޞީލަތާއި މިންވަރުފުޅާ އަޅުވައި ދިވެހީންގެ ކަންކަން ނުވުމަކަށް ދިވެހީން ދެނެއް އެއްވެސް ބޭފުޅަކަށް ފުރުޞަތެއް ނުދޭނެއެވެ. ވަޢުދު އުވާލާ އެހެން ރާގަކަށް ވާހަކަ ބަދަލުވުމަކީ ދިވެހީ އެއްގޮތަކަށްވެސް އެދޭކަމެއްނޫނެވެ. އެހެންކަމުން އަންނިއަކީ ރައްޔިތުންނަށް އިޚްލާޞްތެރި، ޤައުމަށް ތެދުވެރި ބޭފުޅެއްކަން ހާމަކޮށްދެއްވުމަކީ އަންނިއަށް ލިބިވަޑައިގެންފައިވާ ރަނުގެ ފުރުޞަތެކެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ތަނަވަސްކަމަކީ ބަކިބައެއްގެ އަމިއްލަ މަޞްލަޙަތައް ވެފައި އޮތް ޒަމާން ދިވެހީން އަލުން ދެކޭކަށް ބޭނުމެއް ނޫނެވެ. މާޒީ އަކީ ޢިބްރަތްކަމުގައި ހެއްދެވުމަކީ އަންނި ކުރައްވަންޖެހިވަޑައިގަންނަވާނޭ ކަމެކެވެ. ރަށުބަން ފިލައި، އަތްފޯރާއަގުގައި ބޯހިޔާވަހިކަން ލިބި، މަސްތުވާތަކެއް ހުޅުވި ދޮރުތަކުގައި ތަޅުއެޅުވި، ބޭސްފަރުވާ ހިލޭކުރެވޭނެ ނިޒާމު ޤާއިމުކުރެވި، ޚިދުމަތާއި ތަކެތީގެ އަގުތައް ތިރކުރެވިފައިވާ އަނެއް ދިވެހިރާއްޖެ ދެކެން ބޭނުންނުވާ ހަމައެއްވެސް ދިވެއްސަކު މިއަދު ނެތެވެ. ވުމާއެކު އަންނިގެ ވަޢުދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވުމަކީ ދިވެހީން ޑިމޮކްރަސީއަށް ކުރަމުންމިދާ އުއްމީދުތައް ފުރިހަމަވުމަށް ލިބޭ ބާރަކަށް ވެގެންދާނެއެވެ. އަދި ކޮންމެ މީހަކު ހުއްޓަސް ވާނީ ވާވަރޭ، ބުނާ މޮޔަވިސްނުމުގެ މީހުން ހަމަމަގަށް އެޅުވުމަށް ލިބޭ ބާރަކަށް ވާނެކަމެއްވެސް މެއެވެ. ވުމާއެކު ދިވެހި ރައްޔިތުން މިތިބީ އަންނިގެ ވެރިކަމުގެ ފޮނިމީރުކަން ބަލައިގަތުމަށް ކެތްމަދުވެފައެވެ. އަންނިއަށް އޮތީ މިއުއްމީދުތައް ފުރިހަމަކޮށްދެވުމެވެ.

No comments: