Monday, October 13, 2008

ރިޔާސީ އިންތިޚާބުގެ ކިބަޅި ފަރާތް:
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މިކުރަނީ ކީއް؟
- އިންތިޚާބަށް ނުުފޫޒު ނުފޯރުވޭ ގޮތަށް އިންތިޚާބީ އޮފިޝަލުންގެ ކެއުންބުޔުމުގެ ކަންތައްތައް ހަމަޖައްސަންޖެހޭ.

ގިނަޕާޓީތައް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ބޭއްވި އެންމެފުރަތަމަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން 2008 އޮކްޓޯބަރު 8 ވަނަ ދުވަހުވަނީ ބޭއްވިފައެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުންގެ %60 ނޫނެކޭ ބުނިއިރު، އިންތިޚާބުގައި ވާދަކުރެއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވޭހާގާތަށްވެސް ވޯޓް ލިބިވަޑައިގެންފައެއްނުވެއެވެ.
ޑިމޮކްރަސީގެ ހަމަތަކާއި އިންތަކުގެ ތެރޭގައި ބޭއްވުމަށް މަސައްކަތްކުރެވުނު މިއިންތިޚާބުގައިވެސް އާދަޔާ ޚިލާފު މައްސަލަތައް ފެންމަތިވިއެވެ. މިގޮތުން ވޯޓިން ރަޖިސްޓްރީގެ މައްސަލައާއި، އެކަކު ދެފަހަރަށް ވޯޓުލީކަމުގެ ތުހުމުތައްވަނީ ކުރެވެންފަށާއެވެ. އަދި ވަރަށްފާޅުކަންބޮޑުގޮތެއްގައި ވަގުވޯޓު އެޅިކަމަށް އިދިކޮޅު އިއްތިޙާދުން ބުނަމުންދާއިރު އެކަމުގެ ރައްދު އިލެކްޝަން ކޮމިޝަނުން މިހާތަނަށް ދެއްވާފައި ނެތުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.
ދިވެހީންގެ ތެރޭގައި ވޯޓުގަތުމާއި ވިއްކުމުގެ ސަޤާފަތުގެ ތެރެއިން ބައެއްކަންކަން މިފަހަރުވެސް ހިނގައިދިޔަކަމަށްވެއެވެ. އެހެންނަމަވެސް ވޯޓު ވިޔަފާރީގެ މައްސަލަތަކަށްވުރެ ބައެއް ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިޚާބީ ނުރަސްމީ ހައިސިއްޔަތެއް ލިބިގެން އިންތިޚާބު ހިނަގމުންދިޔަވަގުތު ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ގެޒަޢީމަށް ވޯޓު ހޯދުމަށްޓަކައި ކެމްޕެއިން ކުރިމަންޒަރުތައްވެސް އަތޮޅުތެރެއިން ފެނިގެން ގޮސްފައިވެއެވެ.
އިންތިޚާބު އޮންނަ ދުވަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އޮންނަ އިންތިޚާބާއިބެހޭ ދައުރަކީ ލޮޖިސްޓިކު ދައުރެވެ. އިންތިޚާބުގެ ކަންތައްތަކުގައި ޙަރަކާތްތެރިވާ މީހުންނަށް ކައްކާ ކާންދިނުމެވެ. ބުނެވޭ ގޮތުގައި އިންތިޚާބުގެ ކަންތައްތަކުގައި ހަރަކާތްތެރިވާ މީހަކަށް ނުވަތަ ބޮލަކަށް އިލެކްޝަން ކޮމިޝަނުން ދުވާލަކަށް ކަޑައަޅާފައި އޮންނަނީ 140 ރުފިޔާ އެވެ. މިމިންވަރުން އެންމެމަތީ ކޮއްތާއި ފުޅީގައި ބަންދުކުރިފެނާއި ދުފުމާއި ކޮފީފަދަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ މިވަގުތު ބާޒާރުގެ އަގުތަކަށް ބަލާއިރު ޙަޤީޤަތުގައިވެސް ނުކުރެވޭނެ ކަމެކެވެ. އެހެންކަމުން މިޢަދަދަކީ ވިޔަފާރީގެ އުޞޫލުން އެންމެ އެކަށީގެންވާ ޢަދަދުކަމަށް ނުވާތީ ހޮޓާ، ރެސްޓޯރަންޓު ހުންނަ ރަށްރަށުގައިވެސް މިއަގަށް ކާންދިނުމަށް އަމިއްލަފަރުދުން އުޒުރުވެރިވެއެވެ. އަދި އަމުދުން ގިނައީ މިފަދަ ހޮޓަލެއް، ރެސްޓޯރެންޓެއް ނެތް ރަށްރަށެވެ. ވުމާއެކު ރަށުއޮފީސްތަކާއި އަތޮޅު އޮފީސްތަކުންވެސް އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާ އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންނަށް ކާންދިމުނާ މަތިކުރަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެވެ.
އަންހެނުންގެ ކޮމިޓީތައް އުފެދިފައިވާ ގޮތަށް ބަލާއިރު ގިނަކޮމިޓީތަކުގައި ހިމެނެނީ ކަތީބުންގެ އަނބިންނާއި ފަހަރިންނާއި ދައްތައިންނާއި ގާތްތިމާގެ މީހުންގެ އިތުރުން ދިވެހިރައްޔިތުންގެ ޕާޓީގެ އެކްޓިވިސްޓުންނެވެ. ވުމާއެކު އިލެކްޝަން ކޮމިޝަންގެ ސަޕޯޓް ގްރޫޕެއްގެ ގޮތުގައި އަންހެނުންގެ ކަޮމިޓީތައް ހަރަކާތްތެރިވަމުން ދާއިރު ރަށުތެރޭގައި ކެމްޕެއިން ކުރުމުގެ ފުރުޞަތު އޮންނަނީ އިންތިޚާއަށް ހުޅުވިފައެވެ. އެއޮތްގެއަށް ހިނކަދިފަތްކޮޅެއް، މިއޮތްގެއަށް ތެއްޔެއް، އެހެރެގެއަށް ރާބާފަތްކޮޅެއް ހޯދަންހިނގާ ނިމޭއިރު މުޅިރަށުތެރޭގައި އޮންނަނީ ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމަށް ކެމްޕެއިންކޮށް ނިމިފައެވެ. އިންތިޚާބުގައި ވޯޓުދޭންވީ ކާކަށްކަން ވަޢުދު ކުރުވާފައެވެ. މައުމޫނަށް ވޯޓު ނުދީފިނަމަ ދިވެހިރައްޔިތުން ބަޑަށްޖެހި މަރުވެދާނެކަން ހަނދާންކޮށްދީފައެވެ. އަދި އަމުދުން އެހެންކެނޑިޑޭޓުންނާމެދު ނަފުރަތު އުފައްދާފައެވެ. ނަތީޖާއަކަށްވަނީ ރިޔާސީއިންތިޚާބުގެ ޤާނޫނާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފަށް ވަކިމީހަކަށް ތާއީދުހޯދުމަށްޓަކައި ނުރަނގަޅުގޮތުގައި ބާރާއި ނުފޫޒުބޭނުންކޮށްގެން ކެމްޕެއިންކުރެވި އެހެންކެނޑީޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމުގެ ފުރުޞަތު ނުސީދާކޮށް އިލެކްޝަންކަމިޝަނުން ފަހިކޮށްދެވިފައި އޮތުމެވެ. ވުމާއެކު އިންތިޚާބުގެ ލޮޖިސްޓިކް ނުވަތަ އިލެކްޝަން ކަމިޝަންގެ އޮފިޝަލުންނަށް ކައްކާ ކާންދިމުގެ އިންތިޒާމުތައް އެންމެ ހަރުދަނާ ގޮތުގައި އިންތިޚާބަށް ސީދާކޮށްނާއި ނުސީދާކޮށް ހަމަޖައްސައި ދިނުމަކީ އިލެކްޝަން ކޮމިޝަންގެ ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ.



No comments: