ސިވިލް ސާވިސްގެ މުއައްޒަފުންނާމެދު އެއްއުޞޫލަކުން ކަންކުރަން ޖެހިފައި.
- ސިވިލް ސާވިސްގެ ޤަވާޢިދު މާނަކުރަނީ އެއޮފީހަކަށް ފެންނަގޮތަށް.
- ފައިސާއާއި ޢިނާޔަތްދިނުމުގައިވެސް އޮފީސްތަކުން ގެންގުޅޭ އުޞޫލު ތަފާތު.
- ވަޒީފާގެ ޤާނޫނާއި ސިވިލް ސާވިސްގެ ޤަވާޢިދު ފުށުއަރާކަންތައްތައް ހުރިއިރު، ވަޒީފާގެ ޤާނޫނުގެ ހިމާޔަތް ނުލިބޭ މުއައްޒަފުންވެސް ސިވިލް ސާވިސްގައި.
ސިވިލް ސަވިސް ކޮމިޝަނެއް އުފެދުމަކީ ސަރުކާރުގެ މުއައްޒަފުންގެ ގޮތުގައި އެތައްދުވަހަކު ވަރަބިދިފައިތިބި މުއައްޒަފުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ. އަޅުންގެ ގޮތުގައި އެތައްދުވަސްތަކެއް ވަންދެން އަތްފައި ބަދެވިފައިްތިބި ގިނަ މުއައްޒަފުންތަކަކަށް ހަމަނޭވާ ލެވުނުކަމެކެވެ. ގަބޫލުކުރާ އުޞޫލުތަކާއި ހަމަތަކުގެ ސަބަބުން މަގާމުގެ ކުރިއެރުން ނުލިބިތިބި އެތައް މުއައްޒަފުންތަކަކަށް ދިރުން ގެނުވި ކަމެކެވެ. ވުމާއެކު މިއުފެދުނު އާ މަދަނީ މުއައްސަސާއާމެދު މުއައްޒަފުން ވަރަށްބޮޑު އުއްމީދެއް ކުރިއެވެ.
2008 މެއި 1 ވަނަ ދުވަހު ގާނޫނީ ހައިސިއްޔަތު ލިބުނު ސިވިލް ސާވިސް ިކޮމިޝަން ރަނގަޅަށް ހިންމަދައިނުލެވި އުޅެނިކޮށް ސިވިލްސާވަންޓުންނާމެދު ތަފާތުކުރުން ގެންގުޅޭކަމުގެ އަޑުތައްވަނީ ވަރަށް ހަލުވިކަމާއެކު ފެތުރެން ފަށާފައެވެ. ދޭދޭ ދެއޮފީހަކުން މުއައްޒަފުންނާމެދު އަމަލުކުރާ ގޮތްވެސް ތަފާތުކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. މިއަޑުތަކާއެކު ނޭވާ ހިފަހައްޓައިލައިގެންތިބި އެއްބަޔަކީ މުދައްރިސުންނެވެ. ތަޢުލީމީ ދާއިރާގައި ވަރުބަލިވުމެއްނެތި ޚިދުމަތްކުރާ މުއައްޒަފުންނެވެ. ވަޒީފާގެ ޤާނޫނު (ޤާނޫނު ނަންބަރ: 2008/2) ގެ ދަށުން ލިބެންޖެހޭ ޢިނާޔަތްތައް ދިނުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަމިއްލަ އުޞޫލުތަކެއް ހަދަންއުޅޭކަމުގެ ތުހުމަތުތައްވެސް ދަނީ ކުރެވެމުންނެވެ.
"އިތުރުގަޑީގައި މުދައްރިސުން ލައްވާ މަސައްކަތްކުރުވާފަ ދޭނެ ފައިސާއެއް މިސްކޫލުގެ ބަޖެޓެއްގައި ނެތް. ދެންކިހިނެއް މަސްކަތްކުރާ ހުރިހާ ގަޑިއަކަށް ފައިސާ ދެވޭނީ. އެހެންވެ މިނިސްޓަރު މިކަމަށް ޤަވާޢިދެއް ހައްދަވަން އުޅުއްވާކަމަށް ވަނީ." އަތޮޅު ތަޢުލީމީ މަރުކަޒަކަށް ނިސްބަތްވާ ހެޑްމާސްޓަރަކު ނަންހާމަކުރަން ނޭދެމުން ބުނުއްވިއެވެ.
ސިވިލް ސާވިސްގެ މުއައްޒަފުންނަކީ ތަފާތު އޮފީސްތަކެއްގައި މަސައްކަތްކުރާ ބަޔަކަށްވިނަމަވެސް ހުރިހާ ސިވިލް ސާވަންޓުންނަކީ އެއްމިންގަޑަކުން މިނެކިރަންޖެހޭ ބަޔެކެވެ. އުޅޭ އޮފީހާއި އެއޮފީހުގެ ޕާމަނަންޓު ސެކްރެޓަރި ފާތުވިނަމަވެސް ހުރިހާ މުއައްޒަފުންވެސް ޚިދުމަތް ކުރަނީ ސިވިލް ސާވިސްއަށެވެ. ވުމާއެކު ސިވިލް ސާވިސްގެ މުއައްޒަފުންނާމެދު އެއްފޮތަކުން ޙުކުމް ކުރުމަކީ ލާޒިމު ކަމެކެވެ.
ރަށު އޮފީހެއްގެ މުއްޒަފަކު ވަރަށް އަސަރާއެކު ވިދާޅުވީ ކިތައްމެވަރަކަށް އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައިވަނީ މުސާރައިގެ %45 ވާވަރަށެވެ.
"ވިދާޅުވި މީ އެޓޮލްސް މިނިސްޓްރީގެ ނިންމުމެކޭ."
ސަރުކާރުގެ އާންމު ވުޒާރާތަކާއި އޮފީސްތަކުގެ މުއައްޒަފުންނަށް ފައިސާގެ ނުތަނަވަސްކަން އޮތްނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރިޔާސީގަނޑުވަރުގެފަދަ ތަންތާގައި ވަޒީފާ އަދާކުރާ ސިވިލްސާވަންޓުންނަށް ވަޒީފާގެ ޤާނޫނު ލާޒިމުކުރާ އެންމެފުޅާ ދާއިރާގައި އިތުރުގަޑިއާއި އެހެނިހެން ޢިނާޔަތްތައް ދޭކަމަށް މުޢުތަބަރު ގޮތެއްގައި މަޢުލޫމާތު ލިބިފައިވެއެވެ.
ސިވިލްސާވިސްގެ ޤަވާޢިދު ތަންފީޒުކުރުމުގައިވެސް އެކިއޮފީސްތަކުން އެކިއުޞޫލު ގެންގުޅޭކަން ފާހަގަ ކުރެވެއެވެ. ވަޒީފާގެ ޤާނޫނަށް ޢަމަލުކުރަންފެށުމާއި ގުޅިގެން އެޤާނުގެ 32 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ވިދިވިދިގެން 6 ދުވަހަށްވުރެ އިތުރަށް މަސައްކަތްކުރެވޭނީ އަރާމު ކުރުމަށްޓަކައި އެމުއައްޒަފަކަށް 24 ގަޑިއިރު ދިނުމަށްފަހުއެވެ. އެކަން ސިވިލް ސާވިސް ކޮމިޝަންގެ ނަންބަރ: 2008/20 (08 ޖުލައި 2008) ސަރކިޔުލާއިން މުއައްޒަފަކު އަރާމުކުރުމަށް، އާދައިގެމަތިން ހަމަޖެހިފައިވާ ދުވަހެއްގައި ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ ދުވަހެއްގައި ވިދިވިދގެން 24 ގަޑިއިރު ނުދީ، އެއްވެސް މުއައްޒަފަކު ލައްވާ ވިިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތްކުރުވައިގެން ނުވާނެކަމަށް ސަރުކާރުގެ ހުރިހާ އޮފީސތްކަކަށް ވަނީ އަންގަވާފައެވެ. ނަމަވެސް އަރާމުކުރުމަށްޓަކައި ދިނުމަށް ޤާނޫނު ލާޒިމުކުރާ 24 ގަޑިއިރުނުދީ ޑިޔުޓީ ކުރުވާ ވޮޗަރުންގެ ޢަދަދުވަކިން މަދެއްނޫނެވެ.
ވަޒީފާގެ ޤާނޫނާއި ފުށުނާރާގޮތަށް ސިވިލް ސާވިސްގެ ޤަވާޢިދު ބައްޓަންކުރުމަކީވެސް ކުރަންޖެހޭކަމެކެވެ. ވުމާއެކު މިޤާނޫނުގެ ދަށުން ސިވިލް ސާވިސްގެ މުއައްޒަފުންގެ ވަޒީފާ ބަޔާން އެކަށައެޅުމަކީ ލަސްކުރުމަށްވުރެ އަވަސްކުރަންޖެހޭ ކަމެކެވެ.
ވަޒިފާގެ ޤާނޫނަށް މިޖުލައިމަހު 9 ގައި ޢަމަލުކުރަންފެށުމާގުޅިގެން ސިވިލް ސާވިސްގެ ޤަވާޢިދަށް ގެނައި ބަދަލުތަކުގެ ތެރޭގައިވެސް އެޤާނޫނާ ފުށުއަރާ ކަންކަން އެބަހުއްޓެވެ. ވަޒީފާގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ކަޑައެޅި ބަޔާންވެފައިވާ ގޮތުގައި މުއައްޒަފަކު، ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެޑޭ ގޮތުން، ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭންވާނެއެވެ. މިގޮތުގެމަތިން ހުސްވަގުތުކޮޅެއް ދިނުން ލާޒިމު ވެގެންވަނީ ދަރިފުޅުގެ އުމުރުން 1 އަހަރު ފުރުމާ ހަމައަށެވެ. މާނައަކީ ދެފަހަރަށް ބަހާލައިގެން ދަރިފުޅުގެ ކަންތައްތައް ކޮށްދިނުމަށްޓަކައި ދުވާލަކު 1 ގަޑިއިރުގެ ހުސްވަގުތުކޮޅެއް އެފަދަ މައިންނަށް ލިބޭނެއެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނު (ނަންބަރ: 2008/2) އަށް ޢަމަލުކުރަންފެށުމާ ގުޅިގެން ދިވެހި ސިވިލް ސާވިސްގެ ޤަވާޢިދު އިސްލާޙުކޮށް ސަރުކާރުގެ އޮފީސްތަކަށް އެކޮމިޝަނުން ފޮނުވި ނަންބަރ: 15/2008 (08 ޖުލައި 2008) ސަރކިޔުލައިގެ 2 ވަނަ ނަންބަރ (ބަލިވެއިނުމާއި ވިހެއުމުންދޭ ޗުއްޓީ) ގެ 05 (9 ޖުލައި 2008 ން ފެށިގެން ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާޢިދު) ގައި ބުނެފައިވަނީ މުއައްޒަފަކު، ވިހެއުމުންދޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނިކުންނަ ދުވަހުންފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެޑޭގޮތުން، ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 1 ގަޑިިއިރުގެ ހުސްވަގުތުކޮޅެއް މަސައްކަތުގެ ވަގުތުގެ ތެރޭގައި ދޭންވާނެއެވެ. މާނައަކީ ދެފަހަރަށް ބަހާލައިގެން ދަރިފުޅުގެ ކަންތައްތައް ކޮށްދިނުމަށްޓަކައި އެފަދަމައިންނަށް 2 ގަޑިއިރުގެ ހުސްވަގުތުކޮޅެއް ލިބޭނެއެވެ.
ނަތީޖާއެއްގެ ގޮތުން ދެރަ ނުވަތަ ހިތާނުވާާމީހާއަށް ވަޒީފާގެ ޤާނޫނު، މޮޅު ނުވަތަ ހިތާވާާމީހާއަށް ސިވިލް ސާވިސް ކޮމިޝަނުގެ ސަރކިޔުލާ ތަންފީޒުކުރުމުގެ ދޮރު މިފަދަކަންކަމުގެ ސަބަބުން ހުޅުވިގެން ދެއެވެެ. އެހެންކަމުން ޤާނޫނުތަކާއި ތަޢާރަޟް ނުވާގޮތަށް ސިވިލް ސާވިސްގެ ޤަވާޢިދުތައް ފަރުމާކުރުން މުހިންމެވެ. އެހެންނޫންނަމަ، ސިވިލް ސާވިސްގެ މުއައްޒަފުންގެ މެދުގައި ކުރެވޭ ތަފާތުތައް އިތުރުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ހުރިހާ ޕާމަންޓު ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރީންނަކީ އެއްވަޒަނަކަށް، އެއްތައްގަޑަކަށް، އެއްރާގަކަށް، އެއްހަމަޔަކަށް ފެއްތުމަށްޓަކައިެ ސިވިލް ސާވިސް ކޮމިޝަނުން ހަރުދަނާ މަސައްކަތްތަކެއް، ފުޅާދާއިރާއެއްގައި ކުރުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރިކަމެކެވެ . ގިނަ ބޭފުޅުންނަކީ ޕާމަންޓު ސެކްރެޓަރީކަމަށް ނުވަތަ ޒިންމާދާރު އިސްވެރިޔާގެ މަޤާމު ލިބުމުގެ ކުރިން އެއްސިޔާސީ ޕާޓީއެއްގެ ވަރަށްއެތެރޭގައި މަސައްކަތްކޮށްފައިތިބމީހުންނެވެ. ވުމާއެކު މިކަމާމެދު ވިސްނައި ސިވިލް ސާވިސްކޮމިޝަނުން ޢަމަލީ ފިޔަވަޅު އެޅުމަކީ މިހިނދުން މިހިނދަށްވެސް ވަރަށް މުހިންމުކަމެކެވެ. އަދި ސިވިލް ސާވިސްގެ ހުރިހާ މުއައްޒަފުންނާމެދު އެއްއުޞޫލަކުން ކަންކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަން ސިވިލް ސާވިސް ކޮމިޝަން ދަންނަށް ވާނެއެވެ. ފައިސާއާއި އިނާޔަތް ދިނުމުގައިވެސް އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ. އެހެން ނޫންނަމަ، ކިތައްމެ މުސްތަޤިއްލުނަމަވެސް ސިވިލް ސާވިސް ކޮމިޝަނާއި ޕާމަންޓު ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރީންނަކީ ރައީސް މައުމޫނުގެ ރަބަރު ސްޓޭމްޕެކޭ ބުނާކަށް މީހުން ފަހަކަށް ނުޖެހޭނެއެވެ.
No comments:
Post a Comment