Sunday, September 21, 2008

ފެހިޤާނޫނު އަސާސީގެ ފެހިކަން ރައްޔިތުން ލިބޭނެބާ؟

- ޙައްޤަކީ މީހަކު ދޭ އެއްޗެއް ނޫން. ޙައްޤަކީ ހޯދަންޖެހޭ އެއްޗެއް.

ދިވެހިރައްޔިތުންގެ ބުރަމަސައްކަތާއެކު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙުކޮށް 2008 އޯގަސްޓް 7 ވަނަ ދުވަހުން ފެށިގެން މިޤާނޫނު އަސާސީއަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. ވުމާއެކު މިޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތަކުގެ ފައިދާ ހޯދުމާއި ލިބިގަތުމަކީ ކޮންމެ ފަރުދަކަށްވެސް ލިބިދޭ ދުސްތޫރީ އަދި ފަރުދީ ޙައްޤެކެވެ. 
މިޤާނޫނު އަސާސީގައި ބަޔާންވެފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމު ދީނުގެ އަޞްލުތަކާއި ޚިލާފު ނުވާނޭ ގޮތުގެމަތިން ކޮންެމެ ފަރުދަކަށްވެސް ލިބިދީ، ކަށަވަރުކޮށްދީފައިވާ ކަމެކެވެ. މިގޮތުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި މިއިންއެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނު އަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހަކުން ފާސްކުރާ ޤާނޫނަކުންވެސް މިއިންޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރެޓިވް ވެއްޓެއްގައި ނުވަތަ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ މުހިންމު ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި މިޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ ޢުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ މާލީ ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މިނޫންވެސް ކަމަކަށްބަލައި ތަފާތުނުކުރުމުގެ ޙައްޤު ލިބިދީފައެވެއެވެ.
މިޤާނޫނު އަސާސީގައ، އިސްލާމީ ޝަރީއަތުގައި ނުވަތަ ޤާނޫނުގައި މަނާކޮށްފައިނުވާ ކޮންމެކަމެއްކުރުމުގެ މިނިވަންކަންވެސް ކޮށްމެ ރައްޔިތަކަށް ލިބިދީފައިވެއެވެ. އަދި ހަމައެފަދައިން ޤާނޫނަކުން ހުއްދަލިބިގެންނޫނީ އެއްވެސް މީހަކުކުރާ އެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްނެޅޭނޭކަމަށް ބަޔާންވެގެންވެއެވެ.
ދިރިހުރުމުގެ ޙައްޤާއި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިިރއުޅުމާއި، ގޮވަތިގެދޮރާއި، އަނެކުންނާކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަމާއި ހަމަކޮންމެ މީހަކުމެ، ބުނެވިދިޔަ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަށްވާނެކަމަށާއި އެއްވެސްމީހަކު އަޅުވެތި ނުކުރުވުމާއި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންވެގެންވެއެވެ.
ޢުމުުރުން އަށާރަ އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް ވޯޓުދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤާއި އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤާއި މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމުދީނުގެ އަސްލުތަކާއި ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަގޮތާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނަވަންކަން ކޮންމެފަރުދަކަށްވެސް މިޤާނޫނު އަސާސީ ކަށަވަރުކޮށްދެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައިލިބިގަތުމަކީވެސް މުހިންމު ކަމަކަށްވީ ހިނދު އެޙައްޤުތައްވެސް މިޤާނޫނު އަސާސީގައި ލިބިދީފައިވެއެވެ. އެއިގެ އިތުރުން ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާތައް ހެދުމާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި އިޙްތިޖާޖުކުުރުމަށްތަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެންތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ކޮންމެމީހަކަށްވެސް މިޤާނޫނު އަސާސީ ޔަޤީންކޮށްދެއެވެ.
މިޤާނޫނު އަސާސީގައި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި އެމީހެއްގެ ނަމާއި އަބުުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާކަން ކަޑައަޅާފައިވެއެވެ. އަދި މިއާއެކު ކައިވެނިކުރުމާއި ޢާއިލާ ޤާއިމުކުރުމުގެ ޙައްޤާއި ކުޑަކުދީންނާއި ޅަފުރާކުދީންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްޞަ ރައްކާތެރިކަމާއި އެއްވެސް ބާވަތެއްގެ ތަފާތުކުުރމެއްނެތި އުނގެނުމުގެ ހައްޤަކީވެސް ކޮންމެރައްޔިތަކަށް ލިބިގެންވާ ޙައްޤެކެވެ.
ކޮންެމެ ރައްޔިތަކަށްވެސް އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ ޙައްޤާއި ދައުލަތުގެ ވަޒީފާއެއް އަދާކުރާ ކޮންމެމީހަކަށްމެ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕެންޝަން ލިބުމުގެ ހައްޤާއި ޤައުމުގެ ޘަޤާފީ ހަރަކާތްތަކުގައި ބައިވެރިވުމާއި ފަންނީ އަދި އަދަބީ ކަންކަމުން މަންފާ ލިބިގަތުމުގެ ޙައްޤުކޮންމެ މީހަކަށްމެ މިޤާނޫނު އަސާސީގައި ލިބިދީފައިވެއެވެ.
މުދާހޯދުމާއި މުދާގެންގުޅުމުގެ ޙައްޤާއި ދަތުރުފަތުުރކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަމާއި ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމާއި ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުމާއި ޝަޚްޞީ ޒިންމާއާއި ޤާނޫނާއި ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމާއި ހައްޔަރުކުރުމާއި ބަންދުކުރުމުގެ ބާރާއި ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތަކާއި ކުށްކުށަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރެވޭ މީހުން މިނިވަންކުރަންވީ ގޮތާއި އަވަހަށް މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާ ކުރުމާއި ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީުންގެ ޙައްޤުތަކީވެސް މިޤާނޫނު އަސާސީގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމެވެ.
ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެންއިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވނެކަން ބަޔާންކުރުމާއެކު މަޖުބޫރުކޮށްގެން ބަޔާންހޯދުމާއި ޤާނޫނާއި ޚިލާފަށް ހެކިހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަމެއްނޫންކަމަށާއި އެގޮތަށް ހޯދާހެކި ޝަރީޢަތަސް ޤަބޫލުކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ކަޑައަޅާފައި އޮތަކަމީ ޖިނާއީ އިޖުރާތުގެ އުޞޫލަށް އަންނާނޭ ވަރަށްބޮޑު ބަދަލަކާއި ފުރިހަމަކަމެކެވެ. 
ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީހޯދައި ލިބިގަތުމަކީ މިޤާނޫނު އަސާސީގައި ކޮންމެމީހަކަށް ލިބިފައިވާ ޙައްޤަކަށް ވާހިނދު، ލާއިންސާނީ އަދަބު ނުދިނުމާއި މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުމާއި ޖިނާޢީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިޢުނާފަށް ހުށައެޅުމުގެ ޙައްްޤު، މައްސަލައާއި ގުޅުންހުރި ކޮންމެ މީހަކަށް ޤާނޫނު އަސާސީ ކަށަވަރުކޮށްދެއެވެ. އަދި އެހެންމެ ބަންދުކުރެވިފައިވާ މީހުންނާ އިޙްތިރާމާއެކު މުއާމަލާތްކުރުމާއި ޤާނޫނީބާރެއްނެތި ނުވަތަ ޤާނޫނާއި ޚިލާފަށް މީހަކު ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދު ކޮށްފިނަމަ، އެކަމުގެ ބަދަލު އެމީހަކަށް ލިބިދޭންޖެހޭނެކަމަށްވެސް ޤާނޫނު އަސާސީގެ 58 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ.
އިސްވެދަންނަވާލެވުނު ޙައްޤުތަކުގެ އިތުރުން ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންވެފައިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙައްޤުތަކަކީވެސް ހަލުވިކަމާ އަވަސްކަމާއެކު ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތަކެކެވެ. އެމާއދާގައި ބުނަނީ:
'އަންނަނިވި ޙައްޤުތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއްކަމަށް މިޤާނޫނު އަސާސީ ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަންހުރި މިންވަރަކަށް އެޙައްޤުތައް ރައްޔިތުންނަށް ހޯދޭނެމަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރަންވާނެއެވެ.' ކަމަށެވެ. 
މިމާއްދާގައި ބަޔާންވެފައިވާ ޙައްޤުތަކުގެ ތެރޭގައި ރަނގަޅުކާނާއާއި ސާފުފެން ފުދޭވަރަށް ލިބިދިނުމާއި، ފޭރާމާއި ހިޔާވަހިކަން ލިބިދިނުމާއ، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބިދިނުމާއި ދިރއުޅޭނޭ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙައުލެއް ލިބިދިނުމާއި ދިވެހިރާއްޖޭގެ ތަބީޢީ މުއްސަނދިކަމާއި، ދަތުރުފަތުރުކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ޚަބަރުފަތުރާ ވަސީލަތްތަކާއި ހުރިހާ ބާވަތެއްގެ މުވާޞަލާތީ ޚިދުމަތްތައް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ލިބުމާއި، މީހުންދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމުވެފައި އޮތުމާއި، މީހުންދިރިއުޅޭ ކޮންމެރަށެއްގައިވެސް އެރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ޤާއިމުވެފައި އޮންނަށްޖެހޭނެކަން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދެއެވެ.
ޤާނޫނު އަސާސީއެއްގައި ފަށު ޢިބާރާތްތަކެއް ލިޔެވުމަކީ ރައްޔިތުންގެ ޙައްޤުތައް ލިބިދެވުނީކަމަށް އެއްވެސް މީހަކަށް ޤަބޫލުކުރެވޭނަމަ، އެއީ ވިސްނާލަންޖެހޭ ވަރަށްބޮޑު މައްސަލައެކެވެ. އެއްވެސްޝައްކެތްނެތި އެގޭގޮތުގައި ރައްޔިތުންގެ ޙައްޤުތައް މިޤާނޫނު އަސާސީގައި ރައްޔިތުން ބޭނުންވާ ގޮތަށް ލިޔެވުނީ ރައްޔިތުން މަގުމައްޗަށް ނިކުމެގެންނެވެ. ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންނަށް ރައްޔިތުން ޕްރެޝަރކޮށް، ސީދާ ހަރަކާތަށް ގޮސްގެނެވެ. އެއްގޮތަކަށްވެސް މިއީ، ސަރުކާރު ހިންގާންތިބި ބަޔަކު ތަބަކަކަށްލައިގެނެސް ރައްޔިތުންނަށްދިން ޙައްޤުތަކެއް ނުމެނޫންމެއެވެ. ވުމާއެކު މިފެހި ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބެންޖެހޭ ފެހިކަން ރައްޔިތުންނަށް ލިބޭނީ ރައްޔިތުން އެފެހިކަން ހޯދަން އުޅެގެނެވެ. އެޙައްޤުތަކާއި މިނިވަންކަން ފުރިހަމަ ގޮތުގައި ހޯދަން މަސައްކަތްކޮށްގެނެވެ.


No comments: