Tuesday, September 23, 2008

ވަޢުދަކީ ދަރަންޏެކެވެ.

މިއަހަރަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވޭ މަލްޓިޕާޓީ އިލެކްޝަން ބޭއްވޭ އަހަރެވެ. މެންދުރުގެ އިރު ދޮންވާން ކައިރިވެފައިހުރިހެން މިއިންތިޚާބުވެސް ވަނީ ދޮންވާން ކައިރިވެފައެވެ. މިއިންތިޚާބުގެ ހޫނާއި ދިލަމިހާރު ދަނީ ރައްޔިތުންނަށް ސީދާ ފޯރަމުންނެވެ. އިންތިޚާބީ ކެނޑިޑޭޓުން އެމީހުންގެ ކެނޑިޑެންސީ ކަށަވަރުކުރަމުން، ރައްޔިތުންނަށް ވަޢުދުތައް ވިއްކަމުންނެވެ. 2008 އޮކްޓޯބަރު 09 ވާ ބުދަދުވަހަކީ ރައްޔިތުން އެމީހުންގެ ބަސްބުނާ ދުވަހެވެ. ވޯޓުން ނިންމާ ދުވަހެވެ.
ރިޔާސީ ކެމްޕޭނުގެ ފޯރިގަދަވެ، އެއްކެނޑިޑޭޓު އަނެއްކެނޑިޑޭޓު، އެއްޕާޓީ އަނެއްޕާޓީ އަށް ދަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހަމަލާދެމުންނެވެ. ގަޅިއުކަމުންނެވެ. ވައްބަހުން ޖަހަމުންނެވެ. އަދި ވަކިވަކި ބޭބުޅުންނާއި ބެހޭގޮތުން ދައްކަވާ ވާހަކަތައް ހަޖަމު ނުކުރެވޭ ދައުލަތުގެ މުއައްސަސާތަކުންނާއި ސަރުކާރުގެ އޮފީސްތަކުން ދަނީ ނޫސްބަޔާންތައްވެސް ނެރެމުންނެވެ. ނިޒާމީ ނުގުތާއަށްފަހު، ނޫސްބަޔާނުގެ އޮއިވަރެއްގައި ގައުމުވަނީ ބަދެވިފައެވެ. މިފަދަ ނޫސްބަޔާންތަކުގެ ސަބަބުން ރައްޔިތުންނަށް ކަންކަން އިތުރަށް އޮޅުންފިލާނީތޯއެވެ. ނުވަތަ ކަންކަން ރައްޔިތުންނަށް އިތުރަށް އޮޅިގެންދާނީތޯއެވެ؟
އިންތިޚާބެއްގައި ރައްޔިތުންގެ އުއްމީދުތަކަކީ ކެނޑިޑޭޓުން ކުރައްވާ ވަޢުދުތަކެވެ. އެމީހެއްގެ ވެރިކަމެއްގައި ރައްޔިތުންނަށް ކަންކޮށްދޭން ބުނާގޮތެވެ. އެހެންކަމުން އެވަޢުދުތަކަކީ ވުމަށްފަހުގައި ތަޤުދީރާއި މަތިކުރެވޭނެކަންކަމެއްނޫނެވެ. 
ރިޔާސީ އިންތިޚާބުގެ ވަރުހިފާ ވަރަކަށް އެކިއެކި މާލަންތަކުގައި ރައްޔިތުންނަށް ދޮގުގެ ވަށިތައް ހިފައިގެން އެންކެޔޮޅުން އެންއުކާ ބީދައިން ބައެއް ޒަޢީމުންނާއި ލީޑަރުން ގެންދަވަނީ ދޮގުވިއްކަވަމުންނެވެ. މިކަމުގައި އެންމެ ކުރީގައި އުޅެނީ އެހެންމީހުންގެ ބޮލުގައި ދޮގުއިލްޒާމު އަޅުވާ މީހުންނެވެ. އެހެންކަމުން އެއްވެސް މީހަކު ރައްޔިތުންނަށް ދޮގުވަޢުދު ވިއްކައިގެން ނުވާނެއެވެ. އަދި އެމީހެއްގެ މެނިފެސްޓޯގައި ހުރިކަންކަން ޙާޞިލުކުރުމަށް ފައިސާ ހޯދާނެގޮތް ނުވަތަ އުޞޫލުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަކީވެސް މުހިންމުކަމެކެވެ.
ވަޢުދަކީ ތަޤުދީރުކަމަށް ހެދުމަކީ ޑިމޮކްރަސީގެ ރީތި ހަމަތަކާއި މޫރިތި ސިފަތަކުގެ ރޫޙާވެސް ޚިލާފުކަމެކެވެ. އަދި އެހެންމެ ދުރޫސުލް އަޚްލާޤުގެ ސިފަތަކާވެސް ޚިލާފުކަމެކެވެ. ސައްޔިދުނާ ޢުމަރުގެފާނުގެ ޚަލީފާ ކަމުގައި ވައްކަންކޮށްގެން މީހަކު އެކަލޭގެފާނުގެ ޢަދާލަތަށް ޙާޟިރުކުރެވުނެވެ. އެހިނދު ޢުމަރުގެފާނު އޭނާއާއި ސުވާލުކުރެއްވިއެވެ. ކަލޭ ވައްކަންކުރީ ކީއްވެ ހެއްޔެވެ؟ އެހިނދު އޭނާ ދެންނެވިއެވެ. ތިމަންނަ އެކަންކުރުމަށް ތަޤުދީރު ކުރައްވާފައިވާތީއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. އޭނާގެ އަތްކަޑާށެވެ. ވައްކަމުގެ ޢުޤޫބާތެއްގެ ގޮތުންނެވެ. އަދި އޭނާ ތަޢުޒީރުކުރާށެވެ. އޭނާހެދި ދޮގުގެ ޖަޒާއެއްގެ ގޮތުންނެވެ. ފަހެ، އޭނާ ތަޤުދީރާ މަތިކޮށް އެހެދީ ބޮޑުވެގެންވާ ދޮގެކެވެ.
ވަޢުދަކީ ވަޢުދުވާ މީހާގެ ބޮލުގައި އެޅޭ ވަރަށްބޮޑު ދަރަންޏެވެ. އެހެންކަމުން ކެމްޕެއިންގެ ވަޢުދުތައް ޙާޟިލުނުވާ ދުވަހު، އިސްތިޢިފާގެ ކަމަރު އަޅުއްވާނެ ކަމުގެ ގަރަންޓީއަކީވެސް ރައްޔިތުންނަށް ވަރަށް މުހިންމު އެއްޗެކެވެ. ހަމަޔަޤީނުންވެސް ރައްޔިތުން މިއިންތިޚާބުގައި ވޯޓުދޭނީ ކެނޑިޑޭޓުންގެ މެނިފެސްޓޯއަށެވެ. އެމީހުންގެ ވަޢުދުތަކަށެވެ. އެއްވެސް ހާލެއްގައި ކެނޑިޑޭޓަކަށް ނޫނެވެ. އެހެންކަމުން ވަޢުދު ނުފުއްދޭވަރުގެ މީހަކު ރައީސްކަމުގެ ތަޚުތަށް ލުމަކީ ކުރަންހެޔޮވާވަރަށްވުރެ ވިޔާނުދާ ކަމެކެވެ
 




No comments: