ތަންޑުސޮރުގެ ހަމަ
ކޮންމެ މުޖްތަމަޢަކީވެސް އަސާސަތަކަށް ބިނާވެފައި އޮންނަ މުޖްތަމަޢެކެވެ. މިއަސާސްތަކަކީ އެބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ޢަޤީދާގެ މައްޗަށް ބިނާވެފައި އޮންނަ އަސާސުތަކެކެވެ. އެހެންކަމުން މިއަސާސަތުގެ ތަރަހައިން ބޭރުގައި އެއްވެސް ހަމައެއް ލަމައެއްނެތި ކަންކުރުމަކީ ހަމައެކަކުވެސް ކޮށްގެންވާނޭ ކަމެއްނޫނެވެ. މުޖްތަމަޢުގެ ހަމަތަކާއި އަގުތައް ހިފަހައްޓައި އެއަގުތަކާއި ހަމަތަކަށް އިޙްތިރާމު ކުރުމަކީ ހަމަކޮންމެ މީހެއްގެވެސް ވާޖިބެކެވެ. މިގޮތުން ތިމަތިމާމެން ހިތުހުރިހާ ގޮތަކަށް، ހަމަތިމަތިމާމެންނަށް ފެނުނުހާ ގޮތަކަށް ކަންކުރާ މީހާއަށް ދިވެހީން މުޚާތަބުކުރަނީ 'ތަންޑުސޮރު'ގެ ނަމުންނެވެ. އަދި އޭނާ ކަންކުރާ އުޞޫލަށް ނުވަތަ ގޮތަށް ކިޔަނީ 'ތަންޑުސޮރުގެ ހަމަ' އެވެ.
ޤާނޫނާއި ޤަވާޢިދުތައް ހަދަނީ އެންމެންގެ މަޞްލަޙަތަށެވެ. އެންމެން އެއާއެއްގޮތަށް ޢަމަލުކުރުމަށްޓަކައެވެ. އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށްޓަކައެވެ. ޤާނޫނާއި ޤަވާޢިދުގެ ތެރޭގައި ތިމާއަށް ލިބޭ ޙައްޤުތަކާއި މިނިވަންކަން ބިރެއް ސިހުމެއްނެތި އެންމެ ފުޅާދާއިރާގައި ބޭނުންކުރުމުގެ ފުރުޞަތު ކޮންމެ ފަރުދަކަށްވެސް ލިބިދިނުމަށްޓަކައެވެ.
އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނީ އިމުގެ ބޭރުގައި އަމިއްލަ ޒާތީ މަޞްލަޙަތުތައް ހިފެހެއްޓެވުމަށްޓަކައި ކަންކަންކުރެވިފައިހުންނަ ވާހަކަ ވަރަށް ގަދަޔަށް ދެކެވެއެވެ. ބައެއްމީހުން ބޮޑެތި ކުށްތަކަށާއި ޖަރީމާތަކަށް އަރައިގަތަސް އަދި އެފަދަމީހުންގެ އިޢުތިރާފު އެކަންކަމަށް ލިބިފައިއޮތަސް އެފަދަ އެއްވެސްކަމެއްގެ މައްޗަށް ފަނޑިޔާރުގޭގައި ދަޢުވާކޮށް ޝަރީޢަތެއް ނުހިންގެއެވެ. ވުމާއެކު މުޖްތަމަޢުގައި ތިބި ހެޔޮލަފާމީހުނާއި ނުބައިނުލަފާ މީހުން ވަކިކުރާކަށް ނޭގެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ދޮގުހަދަ މީހުންނާއި ތެދުހަދާމީހުންވެސް ވަކިނުކުރެވޭ ހިސާބަށް ކަންތައްތައް ހިގައްޖެއެވެ. ހަމަކޮންމެ މީހަކުވެސް ބުނަނީ އޭނާއަކީ އެންމެ ތެދުވެރިޔާކަމަށެވެ. ކިތައްމެ އޮޅުވާލުމެއް އޮޅުވާލިޔަސް ކިތައް މަކަރަކާއި ހީލަތެއް ހެދިޔަސް، މަޤާމުގެ ނާޖާއިޒު ފައިދާ ނަގާފަރާތްތަކުންވެސް ބުނަނީ އޭނާއަކީ އެންމެ ބޮޑު ތެދުވެރިޔާ ކަމަށެވެ.
އަޅުގަނޑުމެންގެ ތެރެއިން ބާރު ލިބިފައިވާ މީހުން އެބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާތީ ފެންނަނީ ވަރަށް މަދުންނެވެ. އަމުދުން އެއްގޮތް ކަންކަމުގައިވެސް ދެފަހަރު ދެގޮތަށް މާނަކޮށް، ތަރުޖަމާކޮށް، ތަންފީޒުކޮށްފައި ހންނަނީވެސް މަދެއްކޮށެއްނޫނެވެެ. ނަތީޖާއެއްގެ ގޮތުން މުޖްތަމަޢު ކޮރުވެ، ބީރުވެއްޖެއެވެ. މުޖްތަމަޢުގެ ދުޅަހެޔޮކަން ގެއްލި ބަދަހިކަން ކަފާސްވެގެން ހިގައްޖެއެވެ. މުޖްތަމަޢުގެ އަޚްލާޤީ ފޭރާން ކަންފަތިވެ ބާވެއްޖެއެވެ.
މުޖްތަމަޢުގެ ޙާލަތު މިދަރަޖައަށް ވެއްޓުމުން ދިވެހިމުޖްތަމަޢުގައި އަނިޔާވެރިކަން މިވަނީ ހައްދުފަހަނައަޅާފައެވެ. ބައެއްފަހަރަށް ފުރަމާލޭގެ މަގުތަކަކީ ސޯމާލިޔާގެ މަގުދިސޫކަމަށް ހީވާތަންވަޅުވެސް އާދެއެވެ. ސަހަރޯއެވެ. އަޅުގަނޑުމެންގެ ތެރެއިން ކަލާސީންނާއި ޒަޢީމުން ވަކިނުވާ ހިސާބަށް ކަންކަން ދިޔައީ ކީއްވެ ހެއްޔެވެ؟
މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ދިރިއުޅޭ މީހުންނާއި އެމީހުން ކަންކުރާ ގޮތަށް ވިސްނާލުމުން މުޅީންމެ މިޤައުމުން ފެނިގެން ދަނީ ތަނޑުސޮރެވެ. އެސޮރުގެ ހަމައެވެ. އެސޮރުގެ އުޞޫލާއި ޙުކުމެވެ. އެސޮރުގެ ގޮތާފޮތެވެ.
No comments:
Post a Comment