Tuesday, September 23, 2008

ސުޕްރީމް ކޯޓް މުސްތަޤިއްލު ވެދާނެބާ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 282 (ހ) ގައިބުނާ ސުޕްރީމް ކޯޓު މިހުސްވި ހަފުތާތެރޭގައި ދިވެހިދައުލަތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމުވަނީ އުފައްދަވާފައެވެ. އަދި 2008 ސެޕްޓެމްބަރު 21 ވަނަ ދުވަހު މިކޯޓުގެ ޢަމަލީ މަސައްކަތްވަނީ މުލިޔާގޭގައި ފައްޓަވާފައެވެ. 
ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި މަޖިލީހުގެ ތަޅުމުގައި މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކަކީ މުޅިން ގޯސްވާހަކަތަކެއްނޫނެވެ. އަދި ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކާބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެއްކުރެއްވި މަޢުލޫމާތުތަކާއި ހޯއްދެވި ވަނަވަރުތަކާއި ފަތްފުށްތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާ ނުކުރެއްވިކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
ރާއްޖޭގެ ތާރީޚުގައި އެންމެފުރަތަމަ ސުޕްރީމް ކޯޓަށް އައްޔަންވެގެންދިޔަ ފަނޑިޔާރުންނަކީ ތަފާތު ގިންތިތަކުގެ ޢިލްމީ ބޭފުޅުންނެވެ. އެހެންނަމަވެސް ފަނޑިޔާރުކަމަކީ ހަމައެކަނި ޢިލްމީ ފާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއްނޫނެވެ. އަދި ކިއެއްތަ؟ ފަނޑިޔާރެއްގެ މަސައްކަތުގެ މުޅިތަރަހަ ބިނާވެފައިވަނީ ތަޖުރިބާގެ މައްޗަށެވެ. ކެރުމާއި ޖެހިލުންކުޑަކަމުގެ މައްޗަށެވެ. މިމަޞްދަރުން މިސްނާއިރު ވަރަށްކުޅަދާނަ ފަނޑިޔާރުން ސުޕްރީމްކޯޓުގެ ބެއްޗުގައި އެބަތިއްބެވިއެވެ. އަދި ފަނޑިޔާރުންގެ ޢިލްމީ ޤާބިލުކަމަކީ ނާޤާބިލުކަމަކީ ސުޕްރީމް ކޯޓު މުސްތަޤިއްލުވުމާއި ނުވުމުގެ ހުއްޖަތަކަށްވެސް ނުވާނެއެވެ.
ސުޕްރީމް ކޯޓަށް ޖުމްލަގޮތެއްގައި ފަނޑިޔާރުން އައްޔަންކުރައްވާފައިވަނީ އެބޭބޭފުޅުން ފުރުއްވަމުން ގެންދެވި ހައިބަބޮޑު މަޤާމުގެ މައްޗަށްކަން ބައެއްފަހަރު ދޭހަވާން އުޅެއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. މުޅިންހެން ތިއްބެވީ އިސްޤާޟީންނެވެ. ނުވަތަ އެފަދަ ބޭފޫޅަކަށްނުވާނަމަ، ސަރުކާރުގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅެކެވެ. އެއީ އިއްތިފާގެއްކަމަށް ބެލިނަމަވެސް ރާއްޖޭގައި ތިއްބެވި ގިނަޢަދަދެއްގެ ވަކީލުންގެ ތެރެއިން ވަކީލަކު ފެނިގެންނުދިޔަކަމީ ކަންބޮޑުވާންޖެހޭަފަދަ ކަމަކަށް ނުވާނެތޯއެވެ؟ އަދިއެހެންމެ ސްޕްރީމް ކޯޓުގެ ބެންޗުގައި އަންހެންބޭފުޅަކީ ނެތުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގެ ރޫޙާޚިލާފުކަމަކަށް ނުވާނެތޯއެވެ؟
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 282 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޤާނޫނު އަސާސީއަށް ޢަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާގެ އިލްތިމާސަށް ހުށައެޅި ނުނިމިހުރި މައްސަލަތަކަކީ އެހިނދުން ފެށިގެން ސުޕްރީމް ކޯޓަށް ހުށައެޅި އެކޯޓުގައިހުރި މައްސަލަތަކެއްކަމުގައި ވެގެންދާނެއެވެ. މިގޮތުން މިހުށައެޅޭ ހުރިހާ މައްސަލަތަކަކީ ފުރަތަމަ މަރުޙަލާގައި ދަށުކޯޓުތަކުން ނިންމާފައިވާ މައްސަލަތަކެވެ. ވުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުގެ އަޣުލަބިއްޔަތު ދަށުކޯޓުތަކުގެ އިސްޤާޟީކަން ކުރެއްވި ފަނޑިޔާރުންނަށް އޮތުމަކީ ސުވާލު އުފެދޭ ކަމެކެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅޭނެ އެންމެ މުހިންމު މައްސަލަތަކަކީ ދުސްތޫރީ މައްސަލަތަކެވެ. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ މާނަކޮށް، ތަރުޖަމާކުރުމުގެ މައްސަލަތަކެވެ. މިފަދަ މައްސަލަތަކަކީ ގައުމުގެ މުސްތަޤުބަލާއި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުމުގެ މައްސަލަތަކެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ވަކިފަރާތަކުން ދައްކާފައިވާ ބިރަކަށް ނުވަތަ ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ނިންމާ ޢަދުލުވެރި ނިންމުންތަކަކަށް ވާންޖެހޭނެއެވެ. އަދި އެފަދަ ނިންމުންތަކަކީ ޢަދުލު އިންޞާފުގެ އިތުބާރާއި ޔަޤީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަކަށްވާންޖެހޭނެއެވެ.
ސުޕްރީމް ކޯޓުގެ މަސައްކަތްތައް ފެށިގެންދާއިރު، އެކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ މާޟީއެއް އޮތްބޭބޭފުޅުންކަމަށްވިޔަސް އެބޭބޭފުޅުންގެ ޤާބިލުކަން ރައްޔިތުންނަށް ހާމަކުރުމުގެ ފުރުޞަތުމިވަނީ އެބޭބޭފުޅުންނަށް ލިބިފައެވެ. އަދި އެހެންމެ އެބޭބޭފުޅުންގެ ޢަދުލުވެރިކަން ރައްޔިތުންނަށް ހާމަކުރުމުގެ ފުރުޞަތު މިވަނީ ހަމަ އެބޭބޭފުޅުންނަށް ލިބިގެންގޮސްފައެވެ. ވުމާއެކު އެބޭބޭފުޅުންގެ އާ ތަޞައްވަރުއް ނުވަތަ އާ ފޮޓޯއެއް ރައްޔިތުންނަށް ދައްކަވައި ދެއްވުމުގެ ރަންފުރުޞަތުވެސް މިވަނީ އެބޭބޭފުޅުންގެ އަތްމަތީގައެވެ.
ޤައުމެއްކުރިއަރައިދިޔުމުގައި އެމުޖްތަމަޢެއްގައި ޢަދުލު އިންޞާފު ޤާއިމުވެފައި އޮތުމަކީ ވަރަށް މުހިންމުަކަމެކެވެ. އަދި މުޖްތަމަޢުގެ އަގުތަކާއި ހަމަތައް ހިފެހެއްޓޭނީވެސް ޢަދުލުވެރި ޙުކުމްކުރެވިގެންނެވެ. އެހެންކަމުން ދިވެހި ތާރީޚުގައި ފުރަތަމަ އުފެދުނު ސުޕްރީމް ކޯޓުގެ ފުރަތަމަ ބެންޗަކީ މުޖްތަމަޢުގެ އުއްމީދުތައް ކަމުގައި ވާނެކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެތްނެތެވެ.  


No comments: